13 Aug 2024, 19:30
އޮލިމްޕިކް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ފްރާންސަށް ކުރެއްވި ދަތުރުފުޅަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
އޮލިމްޕިކްސްގެ ކުޅިވަރު މުބާރާތް ހުޅުވުމަށް ނައިބު ރައީސް ޕެރިހަށް ދަތުރުފުޅުކުރެެއްވީ މިދިޔަ މަހުގެ 24 އިން 29ގެ ނިޔަލަށެވެ.
އެ ދަތުރުފުޅަށް ޖުމްލަ 1،344،127.04 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް، ދަތުރުފުޅުގެ އިތުރު ޚަރަދުތަކުގެ ތަފްސީލުތައް ހިއްސާކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، މިދިޔަ މަހުގެ 29 އިން 31ގެ ނިޔަލަށް ނައިބު ރައީސް ވަނީ އިރާނޫގެ އިންތިޚާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފުޅެއް ކުރައްވާފައެވެ.
އެ ދަތުރުފުޅަށް ޖުމްލަ 464،617.43 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އާންމުކުރުމަކީ މި ސަރުކާރުން ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ. މީގެ ބޭނުމަކީ ވެރިން ކުރާ ޚަރަދުތައް ވެސް ދެފުށްފެންނަ ގޮތެއްގައި ކޮށް އިސްރާފު މަދުކުރުންކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެއެވެ.