ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީންގެ ހޯދަން ކުންފުނިތަކުންނާއި އާންމުން، ބޮލަށް ފައިސާ ހުށަހަޅައި އެފަދަ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރުން މާލޭގައި އާންމުވެފައިވާތީ ފުލުހުންނާއި އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފިލައިގެން އުޅޭ ބިދޭސީންގެ ބޮލަށް ފައިސާގެ ބޮޑެތި އަދަދުތައް ހުށަހަޅައިގެން ހޯދަން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި އިޝްތިހާރުތައް އާންމުކޮށްފައިވެ އެވެ. އެފަދަ ބައެއް އިޝްތިހާރުތަކުގެ ކުލަ ޗާޕް ވެސް ނެރެފައިވާއިރު ހުރިހާ އިޝްތިހާރެއްގައި ވެސް ބިދޭސީންގެ ފޮޓޯ ޖަހައި އެމީހާ ހޯދައި ދިނުމަށް އެދިފައި ހުރެ އެވެ. އަދި ހޯދައިގެން ގެންނަ މީހަކަށް ފައިސާގެ އިނާމުދޭނެ ކަމަށް ބުނެފައި ހުރެ އެވެ. ފޯނު ނަމްބަރު ވެސް ހިމަނައިފައިވާ އިޝްތިހާރުތަކުގައި އިތުރު މައުލޫމާތު ސާފު ކުރަން ގުޅުމަށް ވެސް އެދިފައި ހުރެ އެވެ.

ބައެއް އިޝްތިހާރުތަކުގައި 1000ރ. އިން ފެށިގެން 3000ރ. އަށް ވުރެ ބޮޑެތި އަދަދުތައް ދޭނެ ކަމަށް ބުނެފައި ހުރެ އެވެ.

ފިލައިގެން އުޅޭ ބިދޭސީންގެ ބޮލަށް ފައިސާ ހުށަހަޅައިގެން ހޯދަން، އާންމުކޮށް އިޝްތިހާރުކޮށްފައި ހުންނަނީ މާލޭގެ ސައިހޮޓާތަކުގެ ބޭރުގަ އާއި ބައެއް ގަރާޖުތަކުގަ އެވެ. އެފަދަ ބައެއް ތަންތަނުން ބުނީ އެ އިޝްތިހާރުތައް ހިތްޕަނީ އެތަންތަނުން ނޫން ކަމަށާއި އިޝްތިހާރު ތަތްކޮށް ދިނުމަށް އެކި ފަރާތްތަކުން އެދުމުން ހިއްޕައި ދެނީ ކަމަށެވެ.

"މީގެ ކުރިންވެސް އެގޮތަށް މީހުން ހިތްޕާލަ ދޭށޭ ބުނީމަ އެކަހަލަ އިޝްތިހާރު ހިއްޕައި ދެން. އެއީ އަނެއްހެން ކޮންބައެއްތޯ ބަލައެއް ނަހަދަން،" ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން ފައިސާ ހުށަހަޅާފައިވާ އިޝްތިހާރެއް ތަތްކޮށްފައިވާ ގަރާޖެއްގެ އިސް މުވައްޒަފަކު ބުންޏެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގެއްލިގެން ބިދޭސީން ހޯދާނަމަ އެޖެންސީތަކަށް އެކަން ކުރެވޭނެ އުސޫލެއް އޮންނަ ކަމަށާއި އެމީހުން ހޯދަން ބޮލަށް އިނާމާއި ފައިސާ ހުށަހަޅައި އިޝްތިހާރު ކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފު އަދި އެ ޑިޕާޓްމަންޓުން އެކަމާ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެގޮތަށް [ބޮލަށް ފައިސާ ހުށަހަޅައިގެން] މީހުން ހޯދުމުގެ އުސޫލެއް ނޯވެ، ފިލާފައިވާ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން އަޅުގަނޑުމެން އެކަން ކުރާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ އެފަދަ އިޝްތިހާރުތަކެއް މާލޭގައި ހިއްޕަމުން ދާކަން ފާހަގަވެފައިވާ ކަމަށާއި އެގޮތަށް ބިދޭސީން ހޯދަން އިއުލާން ކުރަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ފުލުހުން މެދުވެރިކޮށް ކަމަށެވެ. އަދި ފިލައިގެން އުޅޭ މީހުން ހޯދަން އިނާމަކަށް އަގު ކަނޑައަޅައި އެފަދަ ފަރާތްތައް ހޯދަން އިއުލާން ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ވެސް ފުލުސް އޮފިޝަލު ވިދާޅުވި އެވެ.

http://www.sun.mv/uploads/l_19545352.jpg
ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީންގެ ބޮލަށް ފައިސާ ހުށަހަޅައިގެން އެ މީހުން ހޯދަން އިޝްތިހާރު ކުރަމުންދާއިރު އެމެރިކާގެ ހިއުމަން ޓްރެފިކިންގެ ވޮޗްލިސްޓްގެ އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރެއިގައި ރާއްޖެ ހިމެނެ އެވެ. އަދި ރާއްޖޭގައި ބިދޭސީން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 30000 އަށް ވުރެ ގިނަ ކަމަށް ވެއެވެ.