13 Aug 2024, 15:12
ރާއްޖެއަށް މިހާރު ކުރަމުންދާ ފަދަ ގަދަ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތްތައް އެންމެންގެ އެއްބާރުލުމާއެކު ކޮށް ނިންމައި، ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އިސްކަން ދީގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ހައްލުކުރުން ކަމަށެވެ.
"އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ މެއި މަހު ވަނީ މަޝްރޫއެއް ފަށައިފައެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްއެންޑީއެފާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެންނެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން އާރުޑީސީގެ އޮފިޝަލަކު މީގެ ކުރިން "ސަން"އަށް ވިދާޅުވީ މިހާރު މާލޭގައި ބޭނުންކުރަމުންދާ ޑީސެލިނޭޝަން ޕަމްޕުތަކަކީ ހަ ވޯޓުގެ ޕަމްޕުތަކެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން އެ ޕަމްޕުތައް 18 ވޯޓަށް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.
ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާ ގުޅިގެން މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.