13 Aug 2024, 14:25
މެދު ރާއްޖެތެރެއަށް ވިއްސާރަ އިތުރަށް ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މި ސަރަހައްދަށް އޮރެންޖު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އޮރެންޖު އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް 14:15އިން 18:15އަށެވެ. އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިއަދު މާލެއަށް ގިނައިރު ވަންދެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެ ފެން ހިންދުމަށް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެޔަށް ފެން ވަނުމުން ވަގުތީ ހިޔާތަކަށް ވެސް މީހުން ބަދަލުކޮށްފައިވެއެވެ.
މި ތިން ދުވަސް ތެރޭގައި ރާއްޖެއަށް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް އަލްޖަޒީރާއިން އިއްޔެ ރިޕޯޓުކޮށްފައިވާއިރު، އިއްޔެ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އެ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އާންމު ވައި މެދުރާއްޖެތެރޭގައި ގަޑިއަކު 17 މޭލައި 27 މޭލާ ދެމެދު، އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ހިފަހައްޓާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ވަނީ، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު ބޮޑުވުމުން، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، ވިއްސާރައަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މެޓް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރަމުން މިދަނީ މިދިޔަ މެއި މަހު ފެށުނު ހުޅަނގު މޫސުމުގެ ވިއްސާރައެވެ.