އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް ނަސްރުﷲ އަހުމަދު، އޭނާގެ 95 ވަނަ މެޑަލް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފަށް މިއަދު ހަދިޔާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަސްރުﷲގެ މެޑަލްގެ އިތުރުން ޖާޒީ ވެސް ވަނީ ހަދިޔާކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ނަސްރުﷲގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

މީގެ އިތުރުންވެސް ނަސްރުﷲ ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެން އޮތް އެއްބާރުލުމެއް ދެއްވުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށްޓެވި ނަސްރުالله 2018 ވަނަ އަހަރު އެކަނި ވެސް 13 މެރެތަންގައި ބައިވެރިވެވަޑައިގަތެވެ. އަދި އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަސްރުاللهގެ ފާހަގަކޮށްލެވޭ އިތުރު ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.