ބަރަހަނާ ފިލްމް ސީޑީ ތަކަކާއި ފޮޓޯ ތަކެއްޖެހި ޑޮލަރެއް ގެންގުނު މީހަކު ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި ޝަރީއަތް ހިންގުމަށްފަހު 2500ރ. އިން ޖޫރިމަނާ ކުރީ މ. ސުލްހަ، އަހްމަދު ސުނިލް އެވެ.

ދައުލަތުން ސުނިލްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ނިންމެވުމަށް ގަޒީ މިއަދު އިއްވެވި ހުކުމުގައި ބުނެފައިވަނީ ސުނިލް ދިރިއުޅުނު ބ. ދަރަވަންދޫ ސާހިލް، ގޭގެ ކޮޓަރި ތެރެއިން އޮރިޔާން މަންޒަރު ދައްކައިދޭ ދެ ސީޑީއަކާއި އޮރިޔާން މަންޒަރު ދައްކައިދޭ ހަތަރު ފޮޓޯއެއް ޖަހާފަވާ ޑޮލަރެއް ފެނުނުކަން ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

އަދި ބުނަނީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ރ) ދަށުން ސުނިލް 2500ރ. އިން ޖޫރިމަނާކޮށް، ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަސްތެރޭގައި ކޯޓަށް ދައްކާ ހަލާސް ކުރަން ހުކުމް ކުރީ ކަމަށެވެ.

އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ދައުވާ ސާބިތުވި މީހެއްގެ މައްޗަށް ފަސް އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު އޮކްޓޯބަރު މަހުވެސް ކުރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.