ސަރުކާރުގެ އޮފީސްތަކުން ބާއްވާ ނޫސްކޮންފަރެންސްތަކަށް ހާއްސަ މާލަމެއް ވެލާނާގޭގައި ގާއިމުކޮށްފި އެވެ.

ސަރުކާރުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސަރުކާރުގެ ގިނަ އިދާރާތަކެއް ހުންނަ ވެލާނާގޭގެ ދެވަނަ ފަންގިފިލާގައި ގާއިމުކުރި އެ މާލަމަކީ ނޫސްވެރިން މެދުވެރިކޮށް ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން އާންމުންނަށް އަންގާންޖެހޭ ކަންކަން ފަސޭހަގޮތެއްގައި އަންގަން ގާއިމު ކުރި މާލަމެއް ކަމަށެވެ.

"ކުރިން ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަށް ބާއްވަމުން ގެންދިޔައީ ދަރުބާރުގޭގެ ފަންސަވީސް މާލަމުގައި ނަމަވެސް މިހާރު އެތަން ލިބުމުގަ އާއި އެހެނިހެން ދަތިތައް ހުރުމުން އެކަން ހައްލު ކުރުމަށް މި މާލަމް ގާއިމް ކުރީ،" އައްބާސް ވިދާޅުވި އެވެ.

އަލަށް ގާއިމް ކުރި މާލަމުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާއިރު ނޫސްވެރިނަށް ފަސޭހަ ވާނެ ގޮތަށް އެ މާލަމުގައި ކަންކަން އިންތިޒާމްކޮށްފައިވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް މީގެ ކުރިން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބޭނުން ކުރަމުން އައީ "ފަންސަވީސް" އެ ނަމުގައި ދަރުބާރު ގޭގައި ގާއިމް ކުރި މާލަމެއްގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މާލަން މިހާރު ބޭނުމެއް ނުކުރެއެވެ.