ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް މިއަދު ދަންމާލައިފިއެވެ.

ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ވަނީ އެކަން ހުށަހަޅުއްވާފައެވެ. ކުރިން އޮތް ގޮތުން ނަމަ، މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ހަމަވާނެއެވެ.

އެހެންނަމަވެސް މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތައް ހުރުމުން، މި މަހުގެ 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލަން ވޯޓަށް އައްސަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ދައުރު 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވިހިވަނަ މަޖިލިސް -- ފޮޓޯ/ މަޖިލިސް

އެހެންވެ، މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލުމަށްޓަކައި 80 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފައެވެ.

މި ކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ.

ވިހިވަނަ މަޖިލިސް އެކުލަވާލެވި، މެންބަރުން ހުވާކުރައްވާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ގައެވެ. ޖުމުލަ 93 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. ޕީއެންސީގައި 75 މެންބަރުން އެބަތިއްބެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތްއިރު އެ ޕާޓީގައި 12 މެންބަރުން އެބަތިއްބެވެ. ދެން އެމްޑީއޭގައި ދެ މެންބަރުންނާއި، އެމްއެންޕީ އަދި ޖޭޕީގައި ތިއްބެވީ އެންމެ މެންބަރެކެވެ. އަދި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުން އެބަތިއްބެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމަކާ ހަމައަށް އައިއިރު މުހިންމު ބިލުތަކެއް ހުށަހަޅައި، ކޮމިޓީ މަރުހަލާގައި ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. މަޖިލީހަށް ހުށަހެޅިފައި ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލުގެ މަސައްކަތް ވެސް ހިމެނެއެވެ.