ގޫގުލް އަދި ޖީމެއިލް ޚިދުމަތްތަކަށް ހޯމަދުވަހު ބުރޫއެރި ކަމަށް ގޫގުލްއިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ގިނަބަޔަކު ބްރައުޒް ކުރުމަށް ބޭނުންކުރާ ގޫގުލްއާއި އަދި ގޫގުލްގެ ޖީމެއިލް ޚިދުމަތް ބޭނުން ކުރުމުގައި އެންމެ ބޮޑަށް މައްސަލަ ދިމާވި ކަމަށް ފާހަގަކުރެވިފައިވަނީ އިނގިރޭސި ވިލާތުގެ ޔޫޒަރުންނަށް ކަމަށް ވެސް ގޫގުލުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ސަބަބުން ގޫގުލް ކްރޯމް ބްރައުޒާ މެދުވެރިކޮށް ސާރޗް ކުރުމާއި ޖީމެއިލް އެޕް މެދުވެރިކޮށް އީމެއިލް ފޮނުވުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބައެއް ޔޫޒަރުން ބުނެފައިވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މި މައްސަލަ ދިމާވެފައިވަނީ ހަމައެކަނި ޔޫކޭގެ ޔޫޒަރުންނަށް ކަމަށްވާއިރު، މިހާރު މި މައްސަލަ ވަނީ ހައްލުކުރެވިފައި ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

މައްސަލަ ދިމާވެފައިވަނީ ޕެސިފިކް ގަޑިން ހެނދުނު 6:38 އިން ފެށިގެން 8:34 އާ ހަމައަށް ކަމަށް ވެސް ގޫގުލްއިން ހާމަކޮށްފައިވެއެވެ.

ގޫގުލް ކްލައުޑް ސަރވިސަސްގެ ތަފާސްހިސާބުތައް ދައްކާ ޑޭޝްބޯޑް އަޕްޑޭޓް ކުރެވިފައިވާ ކަމަށް ގޫގުލް ކްލައުޑްގެ ތަރުޖަމާނެއް ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބުން ޔޫކޭ ސަރަހައްދުން ގޫގުލް ކްލައުޑް ޕްލެޓްފޯމްގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އަަސަރު ކޮށްފައިވާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބައެއް ޔޫޒަރުން ޑައުންޑިޓެކްޓާ ވެބްސައިޓުގައި ކޮމެންޓް ކޮށްފައިވެއެވެ. އެގޮތުން "ގޫގުލް ލޯޑްވެސް ނުވާ" ކަމަށާއި "ގޫގުލް ކްރޯމް ބްރައުޒާ އެޕް ބޭނުން ނުކުރެވޭ" ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ދިވެހިރާއްޖެ އަށާއި، މިސަރަޙައްދަށް މި މައްސަލަ ދިމާވިކަން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.