އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އާޖެންޓީނާގެ ހުނަރުވެރި ފޯވަޑް ހޫލިއަން އަލްވަރޭޒް ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އަލްވަރޭޒް އެޓްލެޓިކޯއަށް ސޮއިކޮށްފައިވަނީ 81.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ހައަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަލްވަރޭޒް އެޓްލެޓިކޯއަށް ބަދަލުވެފައިމިވަނީ ސިޓީގައި ކާމިޔާބު ދެ އަހަރު ހޭދަކުރުމަށްފަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެޓްލެޓިކޯއިން އެންމެ ފުރަތަމަ ސިޓީއަށް ދިނުމަށް ހަމަޖެހިފައިވަނީ 64.4 މިލިއަން ޕައުންޑެވެ.

އަދި ބާކީ އޮތް 17 މިލިއަން ޕައުންޑަކީ އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހު ދިނުމަށް ހަމަޖެހިފައިވާ އަދަދެކެވެ. މިއީ ސިޓީގެ ތާރީހްގައި އެކްލަބަށް ކުޅެމުންދިޔަ ކުޅުންތެރިއެއް އެންމެ ބޮޑު އަގުގައި ވިއްކާލެވުނު ފަހަރެވެ. މީގެކުރިން ސިޓީއިން ވަނީ 50 މިލިއަން ޕައުންޑްގެ އަގަކަށް ރަހީމް ސްޓާލިން ޗެލްސީއަށް ވިއްކާލައިފައެވެ.

ސިޓީއިން އަލްވަރޭޒް އެޓީމަށް ގެންގޮސްފައިވަނީ އާޖެންޓީނާގެ ރިވަޕްލޭޓްއަށް 14.1 މިލިއަން ޕައުންޑްގެ އަގެއް ދިނުމަށްފަހުގައި ކަމުން މިއީ އެޓީމަށް ވަރަށް ރަނގަޅު ވިޔަފާރިއެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ.

އެޓްލެޓިކޯއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އަލްވަރޭޒް ހާމަކުރިގޮތުގައި އޭނާ ސިޓީގައި ހޭދަކުރި ދެ ސީޒަނަށް އޭނާގެ ހިތުން ހާއްސަ ޖާގައެއް އަބަދުވެސް ދެވިފައިވާނެ ކަމަށެވެ.

މި ދެ ސީޒަންގައި އަލްވަރޭޒް ވަނީ ސިޓީއަށް ހަ ތަށި ކާމިޔާބު ކުރުމުގައި އެހީތެރިވެދީފައެވެ. އޭނާ ހާމަކުރިގޮތުގައި ސިޓީގައި އޭނާ ހޭދަކުރި ދެ އަހަރުގައި ގިނަ އެއްޗެހިތަކެއް ދަސްވެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހަރުދަނާ ވެއްޖެކަމަށެވެ. އޭނާ ސިޓީއަށް ކުޅެދިން 106 މެޗުގައި އަލްވަރޭޒް ވަނީ 36 ލަނޑު ޖަހައިދީފައެވެ.

އަލްވަރޭޒް ސިޓީ ދޫކޮށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އޭނާގެ ގާބިލް ކަމާއެކުވެސް ފުރަތަމަ އެގާރައިން ގަވައިދުން ޖާގަލިބެމުން ނުދިއުމެވެ. އޭނާއަށްވަނީ އާލިން ހާލަންޑްގެ ކުރިއަށް އެރުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ.

ނަމަވެސް އޭނާގެ ހިދުމަތަށް ކްލަބުން ބޭނުންވި ކޮންމެ ވަގުތެއްގައިވެސް އޭނާވަނީ ނުކުމެ ނަތީޖާ ނަރުމުގައި އެހީތެރިވެދީފައެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ވަރަށް ފަހުން ހާމަކުރިގޮތުގައި އަލްވަރޭޒް ދޫކޮށްލަން އޭނާ ބޭނުން ނުވާ ކަމަށާއި ނަމަވެސް އަލްވަރޭޒް ބޭނުންވަނީ އޭނާގެ ކެރިއަރުގައި އާސޮފްހާއެއް ހުޅުވާލަން ކަމަށްވާތީ އޭނާ އަށް އެފުރުސަތު ދިނީކަމަށެވެ.

އަލްވަރޭޒް އައުމާއެކު އެޓީމަށް ކުރިން ކުޅުނު ތަޖްރިބާކާރު ކުޅުންތެރިޔާ ސާޖިއޯ އަގުއެރޯ ފަދަ ކުޅުންތެރިޔަކަށް އޭނާ ވެދާނެކަމުގެ އިހްސާސް ސިޓީގެ ސަޕޯޓަރުންނަށް ލިބިގެންދިޔައެވެ. ނަމަވެސް މިފަހަރު ވެގެންމިދައީ 2011 ވަނަ އަހަރު އެޓްލެޓިކޯއިން ސިޓީއަށް އަގުއެރޯ ބަދަލުވެ ގިނަ ކާމިޔާބީތަކެއް ކްލަބާއެކު ހޯދިއިރު މިފަހަރު ކްލަބު ދޫކޮށް އެޓްލެޓިކޯއަށް އަލްވަރޭޒް ބަދަލުވި ތަނެވެ.