24 Jun 2012, 14:55
އެކުގައި މަސައްކަތް ކުރާ ދެ ސިޓީގެ ގޮތުގައި ގުޅުން ބާއްވަން މާލޭ ސިޓީ ކައުންސިލާއި ކޮލަމްބޯ މުނިސިޕަލް ކައުންސިލާއި ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
"ސިސްޓާ ސިޓީ" ގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިމަހު 10 ން 14 އަށް މާލޭ ސިޓި ކައުންސިލްގެ ވަފުދެއް ކޮލަމްބޯއަށް ކުރި ދަތުރެއްގަ އެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މައިޒާން އަލި މަނިކެވެ. ކޮލަމްބޯ ސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ސިޓީގެ މޭޔަރު އޭޖޭއެމް މުއްޒައްމިލެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެއްބަސްވުމުގެ ސަބަބުން ދެ ސިޓީ ދެމެދުގައި ކޯޕަރޭޝަންތައް ހެދުމާއި އިގްތިސާދީ ގޮތުނާއި ސައިންސާއި ޓެކްނޮލޮޖީ އާއި ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި ސަގާފީ ގޮތުން ތަފާތު ހަރަކާތްތަށް ހިންގާނެ ފުރުސަތު ހުޅުވޭނެ ކަމަށެވެ. އަދި ކުރިމަތިވާ އާންމު މައްސަލަތައް ހައްލުކުރަން ދެ ސިޓީގެ ބައްދަލުވުންތައް ބާއްވާ މަޝްވަރާ ކުރުމާއި ދެ ފަރާތް ދެމެދުގައި ތަޖުރިބާ ބަދަލުކުރުމަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިދަތުރުގައި ކޮލަމްބޯ ސިޓިގެ މޭޔާ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފައިވާނެ ކަމަށާއި މޭޔަރު އެ ދައުވަތު ގަބޫލު ކުރައްވާފައިވާ ކަމަށެވެ.