12 Aug 2024, 16:23
މޫސުން ގޯސްވެ ހއ. އަތޮޅުން ށ. އަތޮޅަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު އޮރެންޖު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން އޮރެންޖު ސަމާލު ނެރެފައި ވަނީ މިއަދުގެ 16:00 އިން ފެށިގެން 19:00 އަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދުގެ 15:00އިން ފެށިގެން 19:00އަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މުޅި މި ހަފުތާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން މިއަދު ހެނދުނު މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަމާލުގެ ވަގުތު ހަމަވުމުން ފަހުން ވަނީ އުތުރުގެ އަތޮޅުތަކަށް ރީންދޫ ސަމާލު ނެރެފައެވެ.
އިއްޔެ ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނުކަމަށް ރިކޯޑު ކުރެވިފައި ވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް 62.0 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ގދ. ކާޑެއްދޫއަށް ވަނީ 61.3 މިލިމީޓަރުގެ ވާރޭވެހިފައެވެ.
ރާއްޖެއަށް މޫސުން ގޯސްވުމުން މެޓް އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، އެންޑީއެމްއޭއާއި ގުޅުންހުރި އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.