ޕަބްލިކް ވޯކްސް ސާވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފެއްދި އެ އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށުން ކަމަށެވެ.

ޕަބްލިކް ވޯކްސް ސާވިސަސްގެ ނަމުގައި އިދާރާއެއް އުފެއްދީ ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ވާކްސް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ސަރުކާރުން އުފައްދަވާފައިވާ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ ތަޖުރިބާއަށް ބަލާއިރު ކުންފުންޏަކުން އެ މަސައްކަތްތައް ކުރުމަށްވުރެ ފައިދާހުރި ގޮތަކީ ހައުސިން މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއަކުން އެ މަސައްކަތްތައް ކުރުން ކަމަށް ފެނުމުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޕަބްލިކް ވޯކްސް ސާވިސަސްގެ މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ބަނދަރާއި، ފާލަމާއި، ތޮށި މަރާމާތުކޮށް ބެލެހެއްޓުމާއި، ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ އެލް ބްލޮކާއި، ޓެޓްރާ ޕޮޑާއި، ރިވެޓްމަންޓް ބްލޮކް ފަދަ ތަކެތި އެޅުމުގެ މަސައްކަތްކުރުން ހިމެނެ އެވެ.

އަދި ރަށްރަށުގެ ފުޓްބޯޅަ ދަނޑުހެދުމާއި، މަގު ހެދުމާއި، ބިންގަނޑު އެއްވަރުކުރުންފަދަ މަސައްކަތްތައް ކުރުމާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާ ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕަބްލިކް ވޯކްސް ސާވިސްގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން ވެސްހިމެނެ އެވެ.

މީގެއިތުރުން، ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވޯކްޝޮޕްގެ ހިދުމަތް ފޯރުކޮށް ދިނުމާއި، ސަރުކާރުން އިންތިޒާމްކުރާ ހާއްސަ ހަރަކާތްތަކަށް ޕަބްލިކް ވޯކްސް ސާވިސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ދިނުން ހިމެނެ އެވެ.