18 Aug 2010, 09:39
14:50
އަބުރާބެހިވަޑައިގެންފައިވާ ކަމަށް ބުނެ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯއްދަވަން ޕީއޭގެ ލިޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު، އެމްޑީޕީގެ އިލްޔާސް ލަބީބްގެ މައްޗަށް ދައުވާކުރައްވައިފި އެވެ.
މަދަނީ ކޯޓުގައި ޔާމީންގެ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު އިއްވެވި ދައުވާގައި ބުނަނީ އޮކްޓޫބަރު 5، 2009 ގައި އިލްޔާސް ލަބީބް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި "ޕީއޭއާ ގުޅުމުން ރަނގަޅު ގޮތެއްވާނެ ކަމަށް" ޔާމީނު ވިދާޅުވެފައިވާ ކަމަށް ދޮގު މައުލޫމާތެއް ލިއުއްވައިފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ސަބަބުން ސަރުކާރު ވައްޓާލަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އެތައް ދުވަހަކު ޔާމީން ހައްޔަރުކޮށްގެން ގެންގުޅެފައިވާ ކަމަށް ވެސް ޔާމީނުގެ ވަކީލު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޔާމީންގެ އަބުރާއި ކަރާމާތް ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދައުވާގައި ޔާމީނު އެދިވަޑައިގެންފައި ވަނީ އިލްޔާސް ލަބީބުގެ ސިޓީގެ ސަބަބުން އޭނާ އަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލުގައި 4.4 މިލިއަން ރުފިޔާ ޝަރީއަތުން އޭނާ އަށް ނަގައިދިނުމަށެވެ. އެއީ އިންސާފުވެރި ބަދަލުގެ ގޮތުގައި 3.75 މިލިއަން ރުފިޔާ އާއި ނަފުސާއި އާއިލާ ރައްކާތެރި ކުރުމުގެ ހަރަދުގެ ބަދަލަށް 61،005ރ. އާއި ގާނޫނީ ވަކީލުންގެ ހަރަދުގެ ބަދަލަށް 668،950ރ. އެވެ.
ކޯޓުގައި އިލްޔާސް ލަބީބް މިއަދު ވިދާޅުވީ ޔާމީންގެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. އިލްޔާސް ލަބީބް އެހެން ވިދާޅުވުމުން އިންކާރު ކުރައްވަނީ ރައީސަށް އިލްޔާސް ލަބީބު ފޮނުއްވެވި ސިޓީއަށްތޯ ނުވަތަ ދައުވާގެ ގާނޫނީ ބަޔަށްތޯ ޔާމީނުގެ ފަރާތްޕުޅުން ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ އެ ސުވާލަކަށް އިލްޔާސް މިއަދު ޖަވާބެއް ނުދެއްވަ އެވެ.
ޝަރީއަތް ނިމުނީ އިލްޔާސް ލަބީބު އިންކާރު ކުރައްވަނީ ސިޓީއަށްތޯ ނުވަތަ ދައުވާގެ ގާނޫނީ ބަޔަށްތޯ ޖަވާބު ދެއްވުމަށް 10 ދުވަހުގެ ފުރުސަތު އޭނާއަށް ދެއްވުމަށް ފަހު އެވެ.