މާލެއިން ގެއްލިގެން ހޯދަން މިދިޔަ ހޮނިހިރު ދުވަހު އިއުލާންކުރި ޒުވާނާގެ ޚަބަރެއް ވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަން އިއުލާން ކުރީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަޙްމަދު އަނިލް މުޙައްމަދެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އޭނާގެ އާއިލާއާ ހަވާލާދީ ބުނެފައިވަނީ އަނިލް މިހާރު އުޅެނީ މާލޭގައި ކަމަށާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. އެގޮތުން އެ ދުވަހު އޭނާއާ ފޯނުން ގުޅުނު ނަމަވެސް ފަހުން ޚަބަރެއް ނުވާ ކަމަށް ބުނެފައިވެއެވެ.

މިއަދު ފުލުހުން ބުނީ އޭނާ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް، އެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މީހުން ގެއްލުމުގެ ރިޕޯޓު ދޭތެރެއަކުން ފުލުހަށް ހުށަހަޅާ ނަމަވެސް، އާންމުކޮށް އިއުލާނު ކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.