ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ފްރާންސް އަތުން 2-0 ލަނޑުން މޮޅުވެ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފްރާންސް ކޮޅަށް ރޭގެ މެޗުގައި ސްޕެއިން އިންޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ. އަދި މެޗުގައި ފްރާންސްގެ މައްޗަށް ސްޕެއިން އިން ލީޑް ފުޅާކުރި ލަނޑު، އެ ޓީމުން ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިން ޒަބީ އެވެ.

ފްރާންސް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ޖާގަ ހޯދިއިރު، ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނުކުންނާނީ ޕޯޗުގަލް އެވެ. މިމެޗް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިރޭ ރާއްޖެ ގަޑިން 11:45ގައި ބައްދަލުކުރާ ދެ ޓީމަކީ އިޓަލީ އާއި އިނގިރޭސި ވިލާތެވެ. މިރޭގެ މެޗުން މޮޅުވާޓީމެއް ސެމީގައި ބައްދަލުކުރާނީ ޖަރުމަނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.