މިއަދަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީގެ 25 ވަނަ އުފަންދުވަހެވެ.

ޖެހިޖެހިގެން ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މެސީ ދުނިޔެއަށް ލޯ ހުޅުވާލީ 1987 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.

މެސީގެ 25 ވަނަ އުފަން ދުވެސް ކުލަ ގަދަ ގޮތެއްގައި އޭނާ މިއަދު ފާހަގަ ކުރަމުން އަންނަ އިރު، ދުނިޔޭގެ ގިނަ ބައެއްގެ ލޯބި މެސީ ވަނީ ހޯދައިފަ އެވެ. އެގޮތުން ފުޓްބޯޅަ އަށް ލޯބިކުރާ އެތައް ހާސް ބަޔަކު މެސީގެ ހުނަރުވެރިކަމާ މެދު ސުވާލު އުފައްދާ އިރު، މެސީ ވަނީ ދާދި ފަހުން ފީފާ ބެލޮންޑޯ އެވޯޑު ވެސް ހޯދައިފަ އެވެ. މިއީ އޭނާ މިއެވޯޑް ހޯދި ދެވަނަ ފަހަރު ވެސް މެ އެވެ.

ނުހަނު ގިނަ ކާމިޔާބީތަކެއް މެސީގެ ފުޓްބޯޅައިގެ ހަޔާތުގައި ހޯދަމުން އަންނަ އިރު، އޭނަގެ އަމިއްލަ ކުލަބު ކަމުގައިވާ ބާސާ އަށް ވެސް އެތަކެއް ގިނަ ކާމިޔާބުތަކެއް ހޯދާދިފައިވާ އިރު، މެސީ ސްޕެއިން އަށް އައުމަށް ފަހު ބާސެލޯނާ ނޫން އެހެން ކުލަބަކަށް ލޯނުގެ ގޮތުން ކުޅެފައެއް ނުވެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެސީގެ ފުޓުބޯޅަ ކެރިޔަރު ނިންމާލާނީ ވެސް ބާސެލޯނާގައި ހުރެ އެވެ.

ބާސެލޯނާގެ ޒުވާން ޓީމަށާއި ސީނިއާ ޓީމުގެ ބީ ޓީމަށާއި ސީ ޓީމަށް ކުޅުމަށް ފަހު އޭ ޓީމަށް 2004 ވަނަ އަހަރު ބަދަލުވި މެސީ ވެފައި ވަނީ އެކުލަބުގެ ކާމިޔާބީ ގައި ބޮޑު ހިއްސާއެއް އަދާކުރަމުންދާ ކުޅުންތެރިއަކަށެވެ.