11 Aug 2024, 14:13
ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ހުޅުމާލޭގައި މަދުވެގެން ހަތް ސުކޫލު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ. މިއީ ދިވެހި ރައީސަކު މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން ކައުންސިލަރުންނާ ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގެ ތިން ފިޔަވަހީގައި އާބާދުވާ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ބަލާއިރުގައި، މިހާރު ހުރި ސުކޫލުތަކާ އެއްކޮށް ހުޅުމާލޭގައި 22 ސުކޫލު ގާއިމުކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.
22 ސުކޫލު އަންނައިރުގައި މި އަހަރާ އެކީގައި މިއޮތް ހަތަރު އަހަރުން އަޅުގަނޑުމެން ބަލާނަން މެކްސިމަމް ކިތަށް ސުކޫލުތޯ ހެދެނީ. މަދުވެގެން ހަތް ސުކޫލު ނޫނިއްޔާ ދިހަ ވަރަކަށް ސުކޫލު ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ނިންމޭތޯ ބަލާނަން
މި މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އެ ސުކޫލުތައް އެޅުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.
ހުޅުމާލެގައި އަލަށް ގާއިމުކުރާ ކޮންމެ ސުކޫލެއްގައި 1500 އެއްހާ ކުދިންނަށް ކިޔެވޭނެ ޖާގަ ހުންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ސުކޫލުތައް ގާއިމުކުރުމަށް ބޮޑު ބަޖެޓެއް ހިނގި ނަމަވެސް، އެކަމަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ހުޅުމާލޭން މާލެއަށް ކުދިން ސުކޫލަށް ގެންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިތުރަށް ހުޅުމާލޭގައި ދިހަވަރަކަށް ސުކޫލު އެޅުނަސް ޓްރެފިކަށް ވަރަށް ބޮޑަށް ލުއިވާނެ ކަމަށެވެ.
އެ މަނިކުފާނު ވަނީ މި މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.