ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ސަހަރާތައް ފުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ މާލެ ސިޓީ ކައުންސިލަށް ޒިޔާރަތްކޮށް، މާލެ ސިޓީގައި ހައްލުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން އެ ކައުންސިލާ އެކު މަޝްވަރާކުރައްވާފައެވެ.

ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ސަހަރާތައް ފުރޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލެ ސަހަރާ ފުރިދާނެ ކަމަށެވެ. އަދި، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ހުރިހާ ސަހަރާތައް ފުރިދާނެކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އަންދާޒާ ކުރެވެނީ ސަހަރާތައް ފުރިދާނޭ. އެހެންވެއްޖިއްޔާމުން އަޅުގަނޑުމެން އެބަޖެހޭ ސަހަރާއަށް ހުޅުމާލެ ފޭސް ދޭއް ގުޅީފަޅު ތަންތަނުން 150،000 މީހުން ވަޅުލެވޭނެ ކަހަލަ ޖާގައެއް އަންނަން،މާލެ ސިޓީގެ މޭޔަރު އާދަމް އާޒަމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒަމް: އޭނާ ވިދާޅުވީ, ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ސަހަރާތައް ފުރިދާނެ ކަމަށް ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މުސްތަގުބަލުގައި މާލެ ސަރަހައްދުގައި މީހުން ވަޅުލެވެން އޮތީ ޖާގަތައް ހެދިގެންކަން މޭޔަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މާލެ ސަރަހައްދުގައި ބުރިޖަކުން ގުޅައިލެވޭ ތަންތަނުގައި ޖާގަތައް ނުހެދިއްޖެނަމަ ވަޅުލަން ޖެހޭނީ ދުރު ހިސާބަށް ކަނޑު ދަތުރުކޮށް ނުވަތަ އެހެން ގޮތަކުން އެ ތަނަކަށް ގޮސްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަކީ ބަދަލު ގެނެވޭނެ އެއްޗެއް ކަމަށާއި އެ ޕްލޭންގައި ކައުންސިލުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަންކަމަށް ޖާގަ ނެތްނަމަ، އެ ޕްލޭން އިސްލާހުކުރެވޭނެ ކަމަށެވެ.

މިސާލެއްގެ ގޮތުން ރައީސް ނެންގެވީ ސަހަރާތަކުގައި ޖާގަ ނެތް މައްސަލައެވެ. އެގޮތުން، އެކަން ހައްލު ކުރުމަށް ޕެލޭނިން މިނިސްޓްރީއާ މަޝްވަރާކޮށްގެން މާލެ ސަރަހައްދުގެ ސަހަރާތަކަށް ބިން ހަމަޖެއްސުމަށް ލޭންޑް ޔޫސް ޕްލޭނަށް އިސްލާހު ގެނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެން އަދި ހުރި ދެ ސަހަރާގެ ވާހަކަދައްކަންޏާ، އެ ހުރި ސަހަރާއެއްގެ ޔޫސޭޖް އެންމެ އިތުރުކުރެވޭނެ ގޮތެއް. ކުރީގައި ބޭނުންކޮށްފައި ހުރި ސަހަރާއެއްގައި ޖާގަ އިތުރުކުރެވޭނެ ގޮތެއް އޮތިއްޔާ އެ ގޮތަކަށް ވެސް ކުރިއަށް ގެންދަންވީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

މީގެ އިތުރުން، ސަހަރާތައް ފުރޭ މައްސަލަ ހައްލުކުރުމަށް މާލެ ސަރަހައްދުގައި ސަހަރާތައް އިތުރުކުރެވޭނެ ކަމަށާއި އެހެން ބޭނުންތަކަށް ވެސް މާލެ ސިޓީ ކައުންސިލަށް ބިން އިތުރުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް: އެ މަނިކުފާނު ވިދާޅުވީ މާލެ ސިޓިގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނެސްގެން ކައުންސިލަށް ސަހަރާތައް ފުރޭ މައްސަލަ ހައްލު ކުރެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގައި މީހުން ހިނެވުމަށް ބެނުންކުރާ އާސަހަރާ ވެސް ހުރީ މަރާމާތަށް ބަންދުކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ މޭ މަހުގައެވެ. އެކަމަކު، އެ މަސައްކަތް ދިގުލައިގެން ގޮސް އަދިވެސް ނިމިފައެއް ނުވެއެވެ. އެހެންވެ، މާލެގައި މަރުވާ މީހުން މިހާރު ވަޅުލަނީ ހުޅުމާލެ ސަހަރާގައެވެ.

މިދިޔަ ޖޫން މަހުގެ 13ގައި މޭޔަރު ވިދާޅުވީ، އާސަހަރާގެ މަސައްކަތް ނިންމާލެވޭނީ މި މަހުގެ ނިޔަލަށް ކަމަށާއި އެ މަސައްކަތް ނިންމަން 10.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

އާސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު ގިނަ ފަސޭހަތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި:

  • ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނާނެ

  • ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެ
  • ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖު ތަރައްގީކުރާނެ
  • ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުންނާނެ