ސްރީލަންކާގެ ޖައިކް ހިލްޓަން ރެސިޑެންސްގެ 18 ވަނަ ބުރިން ވެއްޓި މަރުވި ގ. މާވެނި މުހައްމަދު މިދުޝާހު 37، ގެ މަރާ ގުޅިގެން ތަހުގީގު ނިމެންދެން އެ މައްސަލާގައި ތުހުމަތުވާ ހަ ދިވެހިންނަށް ނުފުރޭނެ ކަމަށް ލަންކާގެ ކޯޓަކުން އަމުރެއް ނެރެފައިވަނިކޮށް، އޭގެތެރެއިން އެކަކު މާލެ އަތުވެއްޖެ އެވެ.

ސަންއޮންލައިނަށް އެނގިފައިވާ ގޮތުގައި އެމައްސަލައިގައި ހިމެނޭ އެކަކު މާލެ އައީ ކޯޓުން އެ އަމުރު ނެރުުތާ ދެ ދުވަސް ފަހުންނެވެ. އަދި އޭނާ މާލެ އައީ އާއިލާގެ މީހެއްގެ ކައިވެނީގެ ހަފުލާއެއްގައި ބައިވެރިވާށެވެ.

އެ މައްސަަލަ ތަހުގީގު ކުރަމުން އަންނަ ލަންކާ ސްލޭވް އައިލެންޑް ޕޮލިސް ސްޓޭޝަންގެ ކްރިމިނަލް ޑިވިޝަންގެ އިންޗާޖް އިންސްޕެކްޓާ އަރިޔާ ސިންހާ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމެންދެއް ލަންކާއިން ނުފުރޭނެ ކަމަށް ކޯޓުން އަންގާފައިވާ ހަ ދިވެހިންގެ ތެރެއިން އެކަކު މިދިޔަ ހަފުތާގައި މާލެއަށް ފުރާފައިވާ ކަމަށެވެ. އަދި އޭނާ ފުރުމުގެ ހުއްދަ ކޯޓުން ދިނީ މާދަމާ އޮންނަ އެމައްސަލާގެ ޝަރީއަތް ފެށެންވާއިރަށް އަނބުރާ ލަންކާއަށް ދިއުމަށް ޝަރުތުކޮށް ކަމަށްވެސް އާރިޔާ ވިދާޅުވި އެވެ.

"މާލެ ދިޔަ މީހާ މިރޭގެ ވަގުތެއްގައި އަނބުރާ ލަންކާއަށް އަންނާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައި، މާދަމާ މައްސަލާގެ ޝަރީއަތް ފެށެންވާ އިރަށް އެމީހާ ހުންނަން ޖެހޭނީ ލަންކާގައި،" ސްލޭވް ޕޮލިސް އޮފިޝަރު ވިދާޅުވި އެވެ.

މިދުޝާހުގެ މަރުގެ ހަގީގަތް ހޯދަން ލަންކާ ފުލުހުން ވަނީ މިދުޝާހުގެ އާއިލާގެ ހާޒިރުގައި އޭނާގެ ޕޯސްޓް މޯޓަމެއް ވެސް ހަދާފަ އެވެ. އަދި މާދަމާ އޮންނަ ޝަރީއަތަށް އެޕޯސްޓް މޯޓަމަށްފަހު ހެދި ދެވަނަ ރިޕޯޓް ހުށަހަޅަންޖެހެ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ.

އާރިޔާ ވިދާޅުވީ މާދަމާ މެންދުރު އޮންނަ ޝަރީއަތުގެ މަޖިލީހަށް ޕޯސްމޯޓަމްގެ ފުލް ރިޕޯޓް ހުށަހަޅަން ޖެހޭއިރު އަދި އެރިޕޯޓް ލިބިފައިނުވާ ކަމަށާއި ރިޕޯޓް ނުލިބިއްޖެނަމަ އިތުރު މުއްދަތެއް ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ނިމެންދެއް ގައުމު ދޫކޮށް ނުފުރޭނެ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ހަ ދިވެހިންގެ އިތުރުން އެއެޕާޓްމަންޓްގައި ތިބި ތިން އަންހެނުންނާ މެދު ގޮތެއް ނިންމަން އެނގޭނީ މާދަމާގެ ޝަރީއަތަށް ޕޯސްޓްޕޯޓަމްގެ ފުލް ރިޕޯޓް ލިބިއްޖެނަމަ،" އާރިޔާ ވިދާޅުވި އެވެ.

މިދުޝާހު މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ހިނގި ތަހުގީގުގައި މިދުޝާހުމެން ތިބި އެޕާޓްމަންޓުގައި ތިބި ލަންކާގެ ދެ އަންހެނުން ވަނީ ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އެމައްސަލާގައި ހިމެނޭ ތިން ވަނަ އަންހެނަކީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މަޑަގަސްކަރާގެ އަންހެނެވެ.