ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލަން ފަށައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑރ. އަހުމަދު އަދުހަމް އަބްދުﷲ ވިދާޅުވީ އެ ކުންފުންޏާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މައްސަލަތަކެއް ބަލަމުން ގެންދާ ކަމަށާއި މާލިއްޔަތު ކޮމެޓީން އެދުނު ބައެއް މައުލޫމާތުތައް ކޮމެޓީއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"މި ކުންފުންޏާ ގުޅޭ މައްސަލަތަކެއް ބަލާކަން އަޅުގަނޑަށް ވެސް އޮތީ އެނގިފައި، އެބޭފުޅުން ބޭނުންވާ އެއްބާރުލުމެއް އަޅުގަނޑުދޭނަން، އެކަން އޮންނާނީ މިހާރު ދަންނަވާފައި،" އަދުހަމް ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ. ވިދާޅުވީ ބަލަމުންދާ މައްސަލަތަކަކަށްވާތީ އެ މައްސަލަތަކުގެ ތަފްސީލް ހާމަކުރަން ދަތި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާގައި ވެސް ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެމްޓީސީސީގެ މައްސަލަތައް އަވަސް ކުރަން އެ މައްސަލަ އެޖެންޑާގެ ކުރީގައި ހިމަނަން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އެދުވަހު މެންބަރުން އިއުތިރާޒް ކުރެއްވުމުން އެ މައްސަލަ ކުރިއަށްދާގޮތް ނުވީ އެވެ.

އެދުވަހު ނާޒިމް ވިދާޅުވީ އެއްވެސް ލިޔެކިޔުމެއް ވެސް ފެންނަން ނެތް އެ މައްސަލައިގައި އެމްޓީސީސީއަށް 2.7 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަން ހޯދުނު ހޯދުންތަކުން ދައްކާ ކަމަށެވެ. އަދި އެމްޓީސީސީއަށް އަހަރު ދުވަހުގެ ތެރޭގައި 89 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ނާޒިމް ދެއްވާފައި ނުވާއިރު އިތުރު ތަފްސީލު ހޯދަން ނާޒިމްގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުދެއްވަ އެވެ.

އެ ކުންފުނީގެ ސީރިއަސް މައްސަލަތަކެއް މާލިއްޔަތު ކޮމެޓީން ބަލަން ފެށީއިރު މިދިޔަ އަހަރު އަށް މަސްދުވަހު އެ ކުންފުންޏަށް ވަނީ ގެއްލުމާއި ކުރިމަތިވެފަ އެވެ. އެ ކުންފުންޏަށް ފައިދާވެފައި ވަނީ މިދިޔަ އަހަރުގެ ފަހު ހަތަރު މަސްދުވަހު އެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުވެސް އެ ކުންފުނިން ވަނީ 2.3 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފަ އެވެ.

އެމްޓީސީސީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާވާއިރު އާންމު ރައްޔިތުންގެ 44.7 ޕަސެންޓްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.