ކުޑަކުދިން ހެއްވާލާ އެ ކުދިންނަށް އުފާވެރިކަން ގެނުވާ ދިވެހި ކެރެކްޓަރު "ރޯބޯމޭން"އަށް ބިނާކޮށް އުފައްދާ ފިލްމު އަންނަ މަހު ދައްކަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ރާއްޖޭގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ "އޯކޭޒްއިންކް"އިން ވަނީ ރޯބޯމޭންގެ ފިލްމެއް އުފައްދާނެ ކަމަށް އިއުލާނުކޮށްފައެވެ. އެއަށް ފަހު އޯޕެން އޮޑިޝަން ބާއްވައިގެން ފިލްމަށް ބޭނުންވާ އެކްޓަރުން ހޯދުމަށް ފަހު ރޯލުތައް ހަމަޖައްސާފައިވަނީ ޖޫންމަހުގެ މެދުތެރޭގައެވެ.

އެއަށް ފަހު ހަލުވި ސްޕީޑެއްގައި ފިލްމު ތައްޔާރުކޮށް މިހާރު ރެޑީވަނީ ފިލްމު ރިލީޒްކުރުމަށެވެ. ރޯބޯމޭންގެ ފިލްމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޭޖުން ވަނީ ފިލްމުގެ ޕޯސްޓަރު އިއުލާނުކޮށްފައެވެ.

ޕޯސްޓަރާ އެކު އިއުލާނު ކޮށްފައިވަނީ ފިލްމު ރިލީޒްކުރާނެ ތާރީޚެވެ. އެ ގޮތުން، އަންނަ މަހުގެ 26 ގައި ފިލްމު އާންމުންނަށް ބަލައިލެވޭނެއެވެ. "ރޯބޯމޭން: ދަ މޫވީ" ފިލްމު ރިލީޒްކުރާނީ މީޑިއާނެޓް ޕްލެޓްފޯމަށެވެ. އެ ގޮތުން، މި ފިލްމުގެ މަސައްކަތް ކުރަމުން ދަނީ ވެސް އޯކޭޒްއިންކްއާއި މީޑިއާނެޓް ގުޅިގެންނެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން"ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ)އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި)އެވެ.

ފިލްމަށް އާންމުންގެ ތެރެއިން އެކްޓަރުން ހޯދިއިރު ބައެއް މަގުބޫލު ތަރީން ވެސް ފިލްމުން ފެންނާނެއެވެ. އެ ގޮތުން، މަރިޔަމް އައްޒައާއި ރަވީ ފާރޫގުގެ ކެމިއޯ ފެނިލުމެއް ފިލްމުން ފެންނާނެ ކަމަށް އޯކޭޒްއިންކްއިން ވަނީ ހާމަކޮށްފައެވެ.

އޯކޭޒްއިންކްއިން ބުނާގޮތުގައި މި ފިލްމަކީ މުޅި އާއިލާއަށް އެކީގައި ބަލާލެވޭނެ އަދި ކަމުދާނެ ފިލްމަކަށް ވާނެއެވެ. އަދި، ތަފާތު އެކި ކަންތައް މި ފިލްމުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ވެސް ޕްރޮޑަކްޝަނުން ދެއެވެ.