އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައި ލިޔެފައިވާ ސުރުހީއެއްގައި ވަނީ މިހެނެވެ؛ "ޑްރީމިންގް އޮފް އަ ހޮލިޑޭ އިން ދަ މޯލްޑިވްސް، ހޯޕް ޔޫ ޑޯންޓް އެންޑް އަޕް ބީން އިން ތިލަފުށި!" (ނުވަތަ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ހުވަފެން ދެކެނީ ތަ؟ ތިލަފުށްޓަށް ނުދެވޭނެ ކަމަށް އުއްމީދު ކުރަން)

މީގެ ކުރިން ރާއްޖެއިން ބޭރުގެ މާ ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ނުލިބި އޮތް ތިލަފުށްޓަށް މިހާރު ބޭރުގެ ނޫސްވެރިންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ. ތިލަފުށީގެ ފޮޓޯ ތަކާއި އެރަށުގެ ހާލަތުގެ ތަފްސީލުތައް ހިމަނައިގެން ލިޔާ އެކިއެކި ލިއުންތަކުގެ އަމާޒު މިހާރު ފެންނަމުން ދަނީ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ކުރާ ކެމްޕޭންތަކުގެ ގޮތުގަ އެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި މީހުން ދިރިއުޅެނީ މާލެއާއި މާލެ ސަރަހައްދުގެ އެހެން ރަށްރަށުގަ އެވެ. ހުޅުމާލެއާއި ވިލިމާލެ އާއި އެހެން ވެސް ރަށްރަށުގަ އެވެ. އޭގެ އިތުރުން އެންމެ ގިނައިން ކުނި އުފައްދާ "ފެކްޓްރީ" ތައް ކަމަށްވާ ޓޫރިސްޓް ރިޒޯޓްތައް ވެސް އެންމެ ގިނައީ މި ސަރަހައްދުގަ އެވެ.

ޓޫރިޒަމާއި ކޮންސްޓްރަކްޝަން އަދި އެހެނިހެން ސިނާއީ މަސައްކަތްތައް ހަލުވި ކަމާއެކު ކުރި އަރަމުން އައި އިރު އެއް ގޮތަކަށް ވެސް ކުރިއަށް ނުގޮސް އޮތް ކަމަކީ ރައްކާތެރި ގޮތަކަށް ކުނި ނައްތާލުމުގެ މަސައްކަތެވެ. ނަތީޖާއަކީ ޓޫރިސްޓުން މައި ގޭޓުން ރާއްޖެއަށް އެތެރެވާއިރު ކުރިމަތިން "އަލިފާން ފަރުބަދައެއް" ހެން އަބަދު ދުން އަރާތަން ފެންނަ ތިލަފުށި އުފެދުމެވެ.

ޑެއިލީ މެއިލްގެ ލިޔުންތެރިޔާ، ކްރިސް ހަލް ރާއްޖެ އައިސް ތިލަފުއްޓަށް އެރުމަށްފަހު އެ ރަށުގައި ކުނި އެންދުން ސިފަކޮށްފައި ވަނީ "އެއީ ދުނިޔޭގެ އެންމެ ފަގީރު ގައުމުން ވެސް މަލާމާތް ކުރާނެ ފަދަ މަންޒަރެއް" މިފަދަ އިބާރާތްތަކުންނެވެ. ތިލަފުށީގެ ހާލަތު އެހާ ގޯސްކޮށް އޮތް އިރު އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ގިނަ ބަޔަކު ދިރިއުޅޭ ތަނެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

" ހާމައަށް ހުރި އަލިފާން ގަނޑުތަކުން ވިހަ ދުންތައް އަރަމުން ދެއެވެ. ޕްލާސްޓިކް ފުޅިއާއި ޕެކެޓްތަކާއި އެހެނިހެން ތަކެތިން އުފެދިފައިވާ ކުނި ފުނިފުންޏެވެ،" ހަލްގެ ލިއުން ފަށަމުން ލިޔެފައި ވެއެވެ.

އެ ލިއުމުގައި އަދި ބުނެފައިވާ ގޮތުގައި ކުނި އެޅުމަށް، މީގެ 20 އަހަރު ކުރިން ހިއްކި ތިލަފުށި ވެފައި ވަނީ މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރަން ރާއްޖެ އަންނަ ޓޫރިސްޓުން ދެކެން ބޭނުން ނުވާ ފަދަ ތަނަކަށެވެ. ރަށުގެ ހަތަރު ފަރާތުން ކުނިތައް ދަނީ މޫދަށް ގިރަމުންނެވެ. މިބަޔާ ހަމައިގެ ވައިގެ ފަށަލަ ވަނީ ނުސާފުވެފަ އެވެ.

އިތުރަށް ބުނެފައިވާ ގޮތުގައި ރާއްޖޭގައި ދުވާލަކު 330 ޓަނުގެ ކުނި އުފެދޭއިރު އޭގެ ބޮޑު ބަޔަކީ ރާއްޖޭގެ ރިޒޯޓްތަކުން އުފެދޭ ކުންޏެވެ.

ތިލަފުށީގެ ވާހަކަ ލިޔެފައި ވަނީ ހަަަމަ އެކަނި އެ ޑެއިލީ މެއިލް އަކު ނޫނެވެ. ހަމަ އެކަނި ފާއިތުވި ހަފުތާއެއް ހާ ދުވަސް ތެރޭގައި ވެސް ދުނިޔޭގެ އެތައް ނޫހަކާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ވެބްސައިޓްތަކުގައި ތިލަފުށީގެ ވާހަކަ ތަފާތު ގޮތް ގޮތަށް ވަނީ ލިޔެފައެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ވެބްސައިޓެއް ކަަމަށް ވާ "އިކޫ" ގައި ތިލަފުށްޓާ ބެހޭ ގޮތުން ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ ހާމައަށް ބާއްވައިގެން ކުނި އަޅަމުން ގެންދާ ތިލަފުށްޓަކީ ތިމާވެއްޓަށް ހުރި " ބޮޑު ނުރައްކަލެއް" ކަމަށެވެ.

ތިލަފުށްޓާ ބެހޭ ގޮތުން އެމެރިކާގެ "ދަ ހަފިންޓަން ޕޯސްޓް" ގައި މިދިޔަ މޭމަހުގެ 29 ވަނަ ދުވަހު ލިޔެފައިވާ ލިއުމެއްގައި ބުނެފައި ވަނީ " ބޯކޮށް އަރަމުންދާ ދުމުން ފާހަގަ ކުރެވޭ ކުނީގެ ރަށް އޮންނަނީ ޖަލު ހުންނަ ރަށާއި އާބާދީ ފުޅާ ކުރުމަށް އެޕާޓްމަންޓްތައް ބިނާކުރަމުންދާ ރަށް ކައިރީގައި " ކަމަށެވެ. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައެއްގެ ވެބްސައިޓަކުން ނަގައި އަލުން ޝާއިއުކޮށްފައިވާ އެލިއުމުގައި ވެސް ތިލަފުށީގެ ނުރައްކާތަކުގެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ގެނެސްދީފައި ވެއެވެ.

ތިމާވެށި ހިމާޔަތް ކުރުމުގައި ދުނިޔޭގެ ފެންވަރުގައި އަޑު އުފުލައި، ބަޔޯސްފިއާ ރިޒާވްތަކާއި އިއާދަ ކުރަނިވި ހަކަތައިގެ ވާހަ ރާއްޖެއިން ދައްކަމުން ދާއިރު ތިލަފުށީގެ ކުނި ގޮނޑާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނައި، އަވަސް ފިޔަވަޅު ތަކެއް އަޅާތީއެއް ނުފެ އެެވެ. ނަމަވެސް މިއީ ރާއްޖެއިން އެންމެ އިމަޖެންސީކޮށް ކުރަން ޖެހިފައިވާ އެއް ކަންތައް ކަން މިހާރު ގަބޫލުކުރަން ޖެހެއެވެ. އެހެން ނޫނީ ޑެއިލީ މެއިލް ފަދަ އެހެން ނޫސްތަކުން ވެސް ދާނީ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު، މިފަދަ ނުސީދާ ކެމްޕޭންތައް ކުރަމުންނެވެ. ތިލަފުށި އޮންނާނީ ރާއްޖޭގެ ނަން ހަރާބުކުރާ ރަށެއްގެ ގޮތުގައެވެ.