10 Aug 2024, 21:51
ޣައްޒާ ސިޓީގެ އަލް-ތާބިއީން ސްކޫލަށް އިސްރާއީލުން ބޮން އަޅައި، އެ ސްކޫލުގައި ހިޔާވަހިކަން ހޯދައިގެން ތިބި ފަލަސްތީނުގެ 100އަށް ވުރެ ގިނަ މީހުން ގަތުލުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޣައްޒާގެ މެދުތެރޭގައި ގިނަ އަދަދެއްގެ އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި ތާބިއީން ސްކޫލަށް އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ބޮންއަޅައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލީ މިއަދު ހެނދުނުގައެވެ. މި ހާދިސާގައި 200 އެއްހާ މީހުން ވަނީ ޒަޚަމްކޮށްލައިފައެެވެ.
މި ކަން އެންމެ ހަރުކަށި އިބާރާޓުން ކުށްވެރިކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ އަސާސީ އުސޫލުތަކާ ސާފުކޮށް ޚިލާފު އަމަލުތަކެއް ކަމަށެވެ.
އެ ގޮތުން ކުށެއްނެތް އާންމުންނަށް ދޭ މި ހަމަލާތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ދެމިއޮންނަ ސުލްހައެއް ހޯދުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.
އަދި އަމިއްލައަށް ނިންމުން ނިންމުމުގެ ހައްގާއި ދައުލަތުގެ ހައްގު ހިމެނޭ ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ ޝަރުއީ ހައްގުތައް ހޯދުމަށް ތާއީދު ކުރުމުގައި ވަރުގަދަ އަޒުމަކާ އެކު ދިވެހި ރައްޔިތުން ތިބިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ދިވެހި ރާއްޖޭން ދަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކާލާތު ކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރި ފަހުން މިހާތަނަށް 39،699އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 91،722 އަށްވުރެ މައްޗަށް އުފުލިފައެވެ.