ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހެނދުނު ވިލިމާލޭ ފެރީޓާމިނަލް ކައިރީ ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި އެއް އަހަރަށް ޖަލަށްލާން ހުކުމް ކުރީ ކ. ގުރައިދޫ، ވަލުގޭ، މުހައްމަދު އަޒީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ ސައިކަލް ވަގަށް ނުނަގާކަމަށް އަޒީމް ބުނި ނަމަވެސް އޭނާ އެ ސައިކަލް ވަގަށް ނެގިކަން ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ މިއީ ވައްކަން ކުރުމުގެ ކުށެއް އަޒީމްގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރުކަމަށްވާތީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށެވެ.

"..... މުހައްމަދު އަޒީމް ބުނެވިދިޔަ ސައިކަލު ވަގަށް ނަގާފައިވާކަން ހެކީންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާތީ ވައްކަން ކުރުމުގެ ކުށުން މުހައްމަދު އަޒީމް ކުއްވެރި ވެއްޖެ ކަމަށް ކަނޑައަޅައި މިއީ މިބާވަތުގެ ކުށެއް މުހައްމަދު އަޒީމްގެ މައްޗަށް ޝަރީއަތަށް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާތީ، މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަށް މުހައްމަދު އަޒީމް ޖަލަށްލުމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވެއެވެ.