10 Aug 2024, 18:36
މަގުތަކަކީ އާއިލާތަކަށް ހިތްފަސޭހަ, އަދި އުފާވެރި ތަނަކަށް ވާންޖެހޭނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސްކޫލުގައި މިއަދު ބޭއްވި 100ވަނަ ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ މަގުތަކުގެ އަމާންކަމާ ރައްކާތެރިކަން ބެލެހެއްޓުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ އޮއިވަރާ އެކު އަންނާނެ ބަދަލުތަކަށް ރިއާޔަތްނުކޮށް، މާލެއާ ރަށްތަކުގެ މަގުތައް ހެދެމުން އައިސްފައިވުންކަން ފާހަގަ ކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަގުމަތީގެ ވެހިކަލްތައް ގިނަވެ، ސްޕީޑު ބާރުވެ، އަދި މަގުތަކުގެ އަޑުގަދަވެ، ވައި ވެސް ތަޣައްޔަރުވެފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މާލޭގެ ގިނަ މަގުތައް ހުރީ ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ވެސް ދަތި ހާލުގައިކަން ފާހަގަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ މި ކަން ހައްލު ކުރުމަށް ހިކުމަތްތެރިކަމާ އެކު އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މަގަކީ އެންމެންގެ ތަނެއްކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ މަގަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެ ކަމަށްޓަކައި ކުރުރާސްތާ އަދި ދިގު ރާސްތާގައި ވެސް ކުރަން ހުރި ކަންކަމުގައި އަމަލީ ސިފަ ޖެއްސުވުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެ ގޮތުން މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި "މާލެފަހި" ޕްރޮގްރާމް މިހާރުވަނީ ފަށާފައެވެ.
އެ މަނިކުފާނު ވިދާޅުވީ މަގުތަކުގައި ހިނގާ ގަވާއިދާ ޚިލާފު ކަންކަމާ އަދި އަޚުލާގީ ގޮތުން ދަށް ކަންކަން ހުއްޓުވުމަށް ޓަކައި ވެސް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ފެށިގެން އަންނަނީ ފަރުދުންނާ ހިސާބުންނެވެ. އެ ގޮތުން ކޮންމެ ފަރުދަކު ވެސް، ދުއްވަން ކަނޑައަޅާފައި އޮންނަ ސްޕީޑުގައި ދުއްވުމާއި، އޯވަޓޭކް ކުރުމުގައި ސަމާލުކަން ދިނުމާއި، މަގު ހުރަސްކުރާ މީހުންނަށް ތަންދިނުމަކީ ސަމާލުކަން ދޭންޖެހޭ ކަންތައްތައްކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަދި ދުވާރު މަތިން ހިނގުމާއި، ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރުމުގެ އިތުރުން ދުއްވާ އެއްޗިއްސަށް ސަމާލުކަން ދިނުމަކީ މުހިންމު ކަންތައްތައްކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މަގުތައް ރައްކާތެރި ތަނަކަށް ހެދޭނީ ކޮންމެ ފަރުދަކު ވެސް މި ކަންތައްތަކަށް ސަމާލުވުމުންކަން ފާހަގަކުރައްވައި، މި ގޮތަށް އެންމެން ވެސް އަމަލު ކުރުމަށް ނައިބު ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.
ރައްޔިތުންނަށް ހިތްފަސޭހަ މަގުތަކެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ވެސްމެއެވެ.