ޑީއާރްޕީއާ އެމްޑީޕީއާ ގުޅިފައިވާ ކަމަށް، ޑީއާރްޕީއާ ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވާހަކަފުޅު ދައްކަވާފައިވާތީ އެކަމަށް ރައްދު ދެއްވައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވާހަކަފުޅު ދައްކަވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރޭ ޅ. ނައިފަރުގައި ޑީއާރްޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ މަޖިލިސް ތެރޭގައި ޑީއާރްޕީއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެތް ރިޔާޒު ދައްކަވަމުންދަވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ރައްޔިތުންނަށް އަނިޔާކޮށް، ފޭރެމުންދާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ޑީއާރްޕީގެ ބައެއް މެންބަރުން ވޯޓުދެއްވި ގޮތުން ޑީއާރްޕީއާ އެމްޑީޕީއާ ގުޅުން އޮންނަ ކަމަށް ރިޔާޒު ކުރައްވާފައިވާ ތުހުމަތު ތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ދާދިފަހުން އަޅުގަނޑުމެނަށް އިވިގެން ހިނގައްޖެ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ޑީއާރްޕީގެ ބައެއް މެންބަރުން ވޯޓްލެއްވި ގޮތަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހަގީގަތެއް ނެތި ދައްކަވަމުން ގެންދެވި ވާހަކަތައް،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާޒުގެ ބޭނުމަކީ ހަގީގަތެއް ނެތް އެފަދަ ވާހަކަތަކެއް ދައްކަވައި އެމްޑީޕީއާ ޑީއާރްޕީއަކީ "ބައިއަތު ހިފައިގެން އުޅޭ ބައެއް ކަން އާންމުންނަށް ބުނެދިނުން ކަމަށެވެ. ނަމަވެސް އެފަދަ ކޯލިޝަނެއް ހަދަން މަސައްކަތް ނުކުރާކަން ވޭތުވެދިޔަ ދުވަސްތަކުގައި އެނގިގެން ގޮސްފައިވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ރިޔާޒު ވޯޓުދެއްވީ އެމްޑީޕީއަށް ކަމަށާއި ނަމަވެސް އެދުވަހު ޑީއާރްޕީން އެކަމާ އެއްޗެއް ބުނެފައި ނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސްގެ މައްޗަށް އެމްޑީޕީން ހުށަހެޅި މައްސަލަގައި އެ މަނިކުފާނު [ރިޔާޒު] ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން އަޅުގަނޑުމެނެއް ފާޑު ފާޑުގެ ވާހަކަތައް ދައްކަމުންނެއް ނުދަން. އެ ބޭފުޅާ ވޯޓު ލެއްވީ ކިހިނެތްތޯ؟ އެ ބޭފުޅާ ވޯޓްލެއްވީ އެމްޑީޕީއަށް ވާގިވެރިވެ އެ މައްސައިގައި. އެހެން ނަމަވެސް އެމަނިކުފާނު ނިކުމެވަޑައިގެން އަޅުގަނޑުމެން މި ތިބެނީ އެމްޑީޕީއަށް ބައިއަތު ހިފައިގެންނޭ ވިދާޅުވެ ވާހަކަ ދެއްކެވުމަކީ އެއްވެސް ހާލަތެއްގައި ޒިންމާދާރު ކަމާއެކު ކުރައްވާފައިވާ ކަމެއް ނޫން،"

މި ޖަލްސާގައި ވެސް ޑިއާރްޕީއާއެކު މަސައްކަތްކުރާ އެހެން ޕާޓީއެއް އެމްޑީޕީއަށް ވާގިވެރިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ތއަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ޑީއާރްޕީން ކޯލިޝަން ނަހަދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވަނީ އެމްޑީޕީއާ ޑީއާރްޕީގެ ގުޅުންތަކެއް އޮތް ކަމަށާއި ސަރުކާރުގައި ތިބިގެން ޑީއާރްޕީ މަސައްކަތް ކުރަނީ އެމްޑީޕީއަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ޑީއާރްޕީ އާއި ގައުމީ ޕާޓީގެ ކޯލިޝަން ރޫޅިފައިވާ ކަމަށް ވެސް ވިދާޅުިވެފަ އެވެ.

ޑީއާރްޕީ އެމްޑީޕީގެ ކޯލިޝަނެއްގެ ވާހަކަ ދެކެވޭއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ކޯލިޝަނަކީ ރާއްޖޭގައި ކާމިޔާބު ކަމެއް ނޫން ކަމަށާއި އެމްޑީޕީން ދެން އެއްވެސް ޕާޓީއަކާ އިއްތިހާދު ނުވާނެ ކަމަށެވެ.