ކުރިއަށް އޮތް ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކުރުމުން އެ ކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

މި ކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، ގަޑިއަކު ގަޑިއަކު 40 މޭލާ 45 މޭލާ ދެމެދު ބާރުމިނެއްގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ކަމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެ ގޮތުން:

ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން

ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކުރުން

ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ފަސްކުރުން

ފުރާޅާ އެހެނިހެން ތަކެތި ރައްކާތެރިކުރުން

ކަރަންޓު ސާމާނު ރައްކާތެރިކުރުން

ކަނޑު ދަތުރުފުޅުގައި ސަމާލުވުން

މުދާ ރައްކާތެރި ތަންތަނަށް ބަދަލުކުރުން

ފުލުހުން ވަނީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އެހީ ހޯއްދެވުމަށްް ފުލުހުންގެ ޚިދުމަތުގެ ނަންބަރު 119 އަށް ގުޅުއްވުމަށް ވެސް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ރޭ ވަނީ ބުނެފައެވެ.

ކަނޑުތައް ގަދަވުމުގެ ސަބަބުން މިދިޔަ ހަފުތާގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އެ ގޮތުން، އާދިއްތަ ދުވަހުގެ ހަ ހާދިސާއެއް ހިނގައި، ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ.