އިނގިރޭސި ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް ވަގުތީ ގޮތުން ކުރީގެ ކުޅުންތެރިޔާ ލީ ކާސްލީ ހަމަޖައްސައިފިއެވެ.

އިނގިރޭސިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމާ އެކު އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް މަގާމުން އިސްތިއުފާ ދީފައިވުމުގެ ސަބަބުން އެ މަގާމަށް ދާއިމި ކޯޗެއް ހޯދުމުގެ މަސައްކަތް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ.

ނަމަވެސް، މި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔުއޭފާ ނޭޝަންސް ލީގުގެ މެޗުތައް އަންނަން ވާއިރަށް ދާއިމި ކޯޗެއް ހަމަޖެއްސިދާނެ ކަމަށް ނުފެންނާތީ ކާސްލީ އެ މަގާމަށް ވަގުތީ ގޮތުން ހަމަޖެއްސީއެވެ. ކާސްލީއަކީ މި ވަގުތު އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ.

ކާސްލީ ބުނީ، އޭނާއަށް އިނގިރޭސި ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގުމާއި ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި މިހާރު އުޅެވިފައި ހުރުމުން އިނގިރޭސި ޓީމަށް ދާއިމީ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާ ވަގުތު އެ މަގާމު ފުރުމުގެ މަސައްކަތް އޭނާއާ ހަވާލުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ. އަދި، އޭނާގެ މަސައްކަތަކަށް ވެގެންދާނީ އިނގިރޭސި ޓީމު މިހާރު ވެސް ދައްކަމުން އަންނަ ކުޅުމަށް ބުރޫނާރުވާ ނޭޝަންސް ލީގުގައި ޕްރޮމޯޝަން ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ.

އުމުރުން 50 އަހަރުގެ ކާސްލީއަކީ 17 އަހަރު ވަންދެން ޕްރިމިއާ ލީގުގައި ކުޅެފައިވާ ތަޖުރިބާކާރު ކުރީގެ ކުޅުންތެރިއެކެވެ. މި ގޮތުން، އޭނާ ވަނީ ޑާބީ ކައުންޓީއާއި އެވަޓަންއަށް ކުޅެފައެވެ. އަދި، ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ދާއިރާއާ ގުޅި ކޮވެންޓްރީ ސިޓީ، ބްރެންޓްފަޑް އަދި ބާމިންހަމް ސިޓީގެ ކޯޗުކަން ކޮށްފައިވެއެވެ. އަދި. 2020 ވަނަ އަހަރު އޭނާވަނީ އިނގިރޭސި 20 އަހަރުން ދަށުގެ ކޯޗުކަމުގެ މަގާމާ ހަވާލުވެފައެވެ.

މާ ގިނަ ދުވަސްތަކެއްނުވެ، އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވިއެވެ. އިނގިރޭސި 21 އަހަރުން ދަށުގެ ޓީމު ވަނީ އޭނާގެ ކޯޗުކަމުގެ ދަށުން މިދިޔަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މިއީ މި އުމުރުފުރައިން ޔޫރަޕްގެ ޗެމްޕިއަންކަން އިނގިރޭސިންނަށް 39 އަހަރުގެ ތެރޭގައި ހޯދުނު ފުރަތަމަ ފަހަރެވެ.

ނޭޝަންސް ލީގުގައި އިނގިރޭސީން ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ޑަބްލިންގައި ބައްދަލުކުރާނީ ރިޕަބްލިކް އޮފް އަޔަލަންދްގެ ޓީމާއެވެ. އަދި، އޭގެ ތިން ދުވަސް ފަހުން ފިންލަންޑާ ވެސް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

އިނގިރޭސި އެފްއޭއިން ބުނި ގޮތުގައި ކާސްލީއަކީ ވަގުތީ ގޮތުން ހަވާލުވުމަށް ލިބޭނެ އެންމެ ރަނގަޅު ކޯޗެވެ. އަދި، އެފްއޭއިން ދާއިމީ ކޯޗެއް ހަމަޖައްސަންދެން ކާސްލީ އެ މަގާމުގައި ދެމިހުންނާނެ ކަމަށާއި 21 އަހަރުން ދަށުގެ ޓީމު މިހާރުވަނީ ބެން ފްލެޗާއާ ހަވާލުކޮށްފައި ކަމަށް ބުންޏެވެ.