10 Aug 2024, 07:23
ވަރަށް ތަފާތު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތައް ކުޅެ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ރާޖް ކުމާރު ރާއޯ އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާޖް ކުމާރުގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާއަކީ އިންޑިއާއަށް އެންމެ ފަހުން މިސް ވޯލްޑް ތާޖު ގެނެސްދިން މަނޫޝީ ޗިލައެވެ.
ނެޝަނަލް އެވޯޑުވެސް ލިބިފައިވާ ރާޖް ކުމާރުގެ މި ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ހަމަޖެހިފައިނުވާއިރު ކުރިއަށް އޮތް ސެޕްޓެމްބަރު މަސް ތެރޭ ފިލްމުގެ ޝޫޓިންގް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ ޖޭ ޝެވަކްރަމާނީ ޕްރޮޑިއުސްކޮށް ޕުލްކިތު ޑައިރެކްޓް ކުރާ ގޭންގްސްޓާ ޑްރާމާ ފިލްމެކެވެ.

ރާޖް ކުމާރު ރާއޯ ބަތަލާ އައިޝްވާރިއާ ރާއިއާ އެކު ފިލްމު "ފައްނޭ ހާން"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މަނޫޝީ ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ 2022ވަނަ އަހަރު ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން ފިލްމު "ޕްރިތުވީ ސަމްރާޓް"އިންނެވެ. މަނޫޝީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ވެސް އަކްޝޭގެ ފިލްމަކުންނެވެ. އެއީ މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"އިންނެވެ.
މި މަހުގެ 15ވަނަ ދުވަހު ރާޖް ކުމާރު ރާއޯގެ ކާމިޔާބު ފްރެންޗައިސް "އިސްތުރީ"ގެ ދެވަނަ ބައި ރިލީޒްކުރަން ނިންމާފައިވާއިރު މި ދުވަސްކޮޅު ރާޖް މަސައްކަތް ކުރަމުން އަންނަނީ ފިލްމު ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގައެވެ.
މަނޫޝީއާ އެކު ފިލްމަކަށް ރާޖް ސޮއިކުރަން ނިންމާފައިވާކަމުގެ ޚަބަރުތައް އާއްމުވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ވެސް މިސް ވޯލްޑްގެ ލަގަބު ހޯދާފައިވާ ދެ ބަތަލާއިންނާ އެކު މަސައްކަތްކޮށްފައެވެ. އެއީ، މަޝްހޫރު ފިލްމީތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ އަދި ޕްރިޔަންކާ ޗޯޕްޅާއެވެ.