ސައުތު ސިނަމާގެ އިތުރުން މިހާރު ހިންދީ ސިނަމާގެ ބައެއް ފިލްމުތަކުން ފެންނަމުން އަންނަ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫގެ ކުރީގެ ފިރިމީހާ ނާގަ ޗައިތަނިއާ އެންގޭޖްވެއްޖެއެވެ.

ތެލުގޫ ފިލްމުތަކުން ފެންނަ އެކްޓަރު ނާގަ ޗައިތަނިއާ އެންގޭޖްވީ ލޯބިވެރިޔާ ޝޮބީތާ ދުލިޕާލާއެވެ. ޝޮބީތާއަކީ ވަރަށް ގިނަ ވެބް ސީރީޒްތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ބަތަލާއެކެވެ.

ދެ ފަރާތުގެ އާއިލާއާއި ވަރަށް ގާތް ރަޙުމަތްތެރިން ބައިވެރިވި އެންގޭޖްމަންޓް ހަފުލާ އޮތީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ހައިދަރުއާބާދުގައެވެ. އެ ހަފުލާގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު ނާގަ ޗައިތަނިއާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ނާގުރުޖުނާ ވެސް ވަނީ ދަރިފުޅުގެ މި ހަފުލާގެ ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

ނާގަ ޗައިތަނިއާ ލޯބިވެރިޔާ ޝޮބީތާއާ އަދި ބައްޕަ ނާގުރުޖުނާ އެކު އެންޖޭޖްމަންޓް ހަފްލާގައި--ފޮޓޯ/ފިލްމުފެއަ
މި ދެ ތަރިންގެ ކައިވެނި މި އަހަރު ތެރޭ ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނާއިރު ކައިވެނި ކުރަން ނިންމާފައިވާ ތާރީޚެއް އަދި ކަށަވަރެއް ނުވެއެވެ. ދަރިފުޅުގެ ހަޔާތުގެ ބައިވެރިޔާ ޝޮބީތާއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން ނާގުރުޖުނާ ބުނެފައިވަނީ ޝޮބީތާއަކީ ވަރަށް ކުޅަދާނަ ފިލްމީ ތަރިއެއް ކަމަށާއި އެ އާއިލާއިން ޝޮބީތާއަށް މަރުހަބާ ކިޔާ ކަމަށެވެ.

ސަމަންތާއާއި ނާގައަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ސެލެބްރިޓީ ދެމަފިރިންނެވެ. ވަރަށް ލޯބިން އުޅުމަށްފަހު ދެ ތަރިން ކައިވެނިކުރީ 2017ވަނަ އަހަރުއެވެ. އެހެންނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން ދެ މީހުންގެ ކައިވެނި ރޫޅާލިކަން ވަނީ އިއުލާނުކޮށްފައެވެ.

ނާގަ ކުރީގެ އަންހެނުން ބަތަލާ ސަމަންތާއާ އެކު--ފޮޓޯ/ވެރައިޓީ

އެންގޭޖްވުމަށްފަހު ނާގަ ވަނީ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރީގެ އަންހެނުން ސަމަންތާގެ ފޮޓޯތައް ވެސް ފޮހެލާފައެވެ.

ސަމަންތާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ނޮވެމްބަރު މަހު އެމޭޒަން ޕްރައިމްގައި ރިލީޒްކުރާ ވެބް ސީރީޒް "ސިޓަޑެލް: ހަނީ ބަނީ"އިންނެވެ.