10 Aug 2024, 00:57
އިންޑިއާއިން ވެދޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ކުރާ ހެޔޮ އަސަރު ބޮޑުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވީ މިހާރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައެވެ.
ޒަމީރު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް، އަދި ތަރައްގީގެ ވެސް މުހިންމު ބައިވެރިއެއް ކަމަށެވެ. މިއީ އިތުބާރާއި ގަދަރުކުރުމުގެ މައްޗަށް ބިނާވެފައި އޮތް އެކުވެރިކަމެއްކަމަށާއި އަހަރުތައް ފާއިތުވަމުން އަންނަ މިންވަރަކަށް ގުޅުން ރަނގަޅުވަމުން އަންނަކަމަށް ޒަމީރު ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ މަޝްވަރާކުރުންތަކުގެ ސަބަބުން ވެސް ދެ ގައުމުގެ ދެމެދު ދެވޭ އެއްބާރުލުން އިތުރަށް ހަރުދަނާވެ ވަރުގަދަ ވަމުން އަންނަކަމަށާއި އަބަދުވެސް ރާއްޖެއިން ދެމި އޮންނާނީ ގުޅުން ވަރުގަދަކުރުމުގައި ކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިޞާދީ ތަރައްގީއަށް އިންޑިއާއިން ވެދޭ އަގުހުރި އެހީތެރިކަމަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން އަބަދުވެސް ޝުކުރުވެރިވަން،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އިންޑިއާއިން ވެދޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ހެޔޮ އަސަރުކުރާކަމަށެވެ. އެއީ ސިއްހީ، ތައުލީމީ، ޒުވާނުން، ކުޅިވަރު ނުވަތަ ބޯހިޔާވަހިކަމުގެ ދާއިރާއަށް ދޭ އެހީކަމުގައިވީ ނަމަވެސްކަމަށް ޒަމީރު ވިދާޅުވިއެވެ.
އަދި ވެރިރަށް މާލޭގައި ހުރި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ ވެސް އެކަމުގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.
އެއާއެކު ޒަމީރުވަނީ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިއާއިން ރާއްޖެއަށް މާލީ ގޮތުން ވެދޭ އެހީ ފާހަގަކުރައްވައިފައެވެ. އެގޮތުން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ރޯލްއޯވާއަކާއެކު ބަޖެޓު ސަޕޯޓަށް އިންޑިއާއިން ދިން އެހީއަށް ޒަމީރު ޝުކުރު އަދައިކުރެއްވިއެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ވެސް ޑރ. ޖައިޝަންކަރަށް ހުށަހަޅައިފައިވާކަމަށެވެ. މި އެއްބަސްވުމާއި އިގްތިޞާދީ ދާއިރާގެ އެހެނިހެން އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ވިޔަފާރި ފުޅާވާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަސްކަރީ ދާއިރާއިން ވެސް ތަމްރީނު ދިނުމާއި، އެހެނިހެން ގޮތްގޮތުން ވެސް އިތުރަށް ގުޅުން ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާކުރެވުނުކަމަށް ޒަމީރު ވިދާޅުވިއެވެ.