09 Aug 2024, 23:23
އިންޑިއާއަކީ އަވަށްޓެރިންނަށާއި އެ ގައުމުގެ ޕާޓްނަރުންނާއި އެކުވެރިންނަށް ސުލްހައިގެ ބާރެއްކަމަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކުގެ ތެރެއިން ރާއްޖެއަކީ ޚާއްސަ އިސްކަމެއް ދޭ ގައުމެއްކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ފޮރިން މިނިސްޓްރީގައި މިރޭ އޮތް ބައްދަލުވުމެއްގައެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައި ޖައިޝަންކަރު ވަނީ ރާއްޖެއަށް އަލުން އާދެވުމަކީ އުފާކުރައްވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޒަމީރު ކިޔުއްވި މަރުހަބާއަށް ޝުކުރު އަދައިކުރައްވައިކަމަށް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ހަމައެކަނި އަވަށްޓެރިން ނޫންކަމަށާއި ގުދުރަތީ ގޮތުން ވެސް ގުޅިފައިވާ ދެ ގައުމުކަމަށެވެ. ގައުމުތައް މިއަދު ގުޅުވައިލެވި ބަވަނަވަމުން އަންނައިރު ބައިނަލްއަގްވާމީ މަސްރަހު ހަލަބޮލިވެ، އެކި މައްސަލަތަކާއި، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކޮވިޑުން އަރައިގަނެ މިއަދު ކުރިއަށްދާއިރު އާ ގޮންޖެހުންތައް ބައިނަލްއަގްވާމީ މަސްރަހުގެ ތެރެއިން ކުރިމަތިވަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.
"މި މައްސަލަތަކުގެ ތެރެއިން، އެކުވެރި ގައުމުތަކަށާއި، އަވަށްޓެރިންނަށް އިންޑިއާވެފައިވަނީ އަދި އަބަދުވެސް ވާނީ ހަމަޖެހުމާއި ސުލްހައަށް އެހީވެދޭނެ ބާރަކަށް،" ޚާއްސަކޮށް ރާއްޖެއަށް އިގްތިޞާދީ ގޮތުން އެހީވުމަށް ޓަކައި ފައިސާގެ އެހީއާއި ބަޖެޓު ސަޕޯޓުގެ އިތުރުން އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އެހީވިކަން ފާހަގަކުރައްވައި ޖައިޝަންކަރު ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ދެ ގައުމަށް އެކުގައި ހާސިލްކުރެވުނު ކަންކަމަށް އަލިއަޅުވައިލައި ކުރިއަށް ހުރި ދުވަސްތަކުގައި ދެ ގައުމު އެކުގައި މަސައްކަތްކުރާނެ ގޮތް ރާވައި މަޝްވަރާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވަނީ ރާއްޖެއަކީ އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށް ވިދާޅުވެފައެވެ.
"ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަސްފުޅުންނަމަ، އިންޑިއާއަށް އަވަށްޓެރި ގައުމުތަކަކީ ޚާއްސަ އިސްކަންދޭނެ ބައެއް. އަދި އޭގެ ތެރެއިން ވެސް ރާއްޖެއަކީ ޚާއްސަ އިސްކަން ދޭނެ ގައުމެއް،" ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ ދެ ގައުމުގެ ދުޅަހެޔޮކަމަށް ޓަކައި މަސައްކަތްކުރުމުގެ މައްޗަށާއި، ކުރިމަތިވާ ގޮންޖެހުންތަކުގައި އެކީގައި މަސައްކަތްކުރުމަށް ކަމަށެވެ.
އަދި މި ގުޅުމުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންނާ ހަަމައަށް ވެސް އޭގެ ނަތީޖާ ފެންނަކަމަށާއި، ހެޔޮ އަސަރުކުރާކަމަށް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ދެ ގައުމުގެ މި ގުޅުމުގެ ތެރެއިން އާންމު ރައްޔިތެއްގެ ދުވަހީ ދިރިއުޅުމަށް އޭގެ ހެޔޮ އަސަރުކުރުމަކީ މި ގުޅުމުގެ އަގު ވަޒަންކުރާ ސަބަބެއް،" އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމި ބައެއް މަޝްރޫތަކުގެ ނިންމުން މިރޭ އިފްތިތާހުކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ވެސް ގައުމުގެ އިސްވެރިންނާއެކު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް މި ދަތުރުފުޅުގައި ބައްދަލުކުރައްވައި އިގްތިޞާދީ ދާއިރާއިން އިތުރަށް މަސައްކަތްކުރުމަށް ކުރެވެންހުރި ކަންކަމުގެ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވައި ދިފާއީ ދާއިރާއިން މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދެ ގައުމުގެ އީއީޒެޑަކީ ބޮޑު ސަރަހައްދަކަށްވުމާއެކު އެ ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ.