09 Aug 2024, 21:51
ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެގޮތުން، އެ ޕޯސްޓުގައި އިތުރަށް މިނިސްޓަރު ވިދާޅުވީ ތަފާތު ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރިއަށް ދިޔުމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ޖައިޝަންކަރާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.
ދެ ގައުމުން އޮތީ ގުޅުން އިތުރަށް ވަރުގަދަކޮށް، އެކުވެރިކަމާއެކު ކުރިއަށް ދިޔުމުގެ އަޒުމުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނާފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު ޖައިޝަންކަރު ވަނީ ފޮރިން މިނިސްޓްރީއަށް ޒިޔާރަތްކުރައްވާފައެވެ.
އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރު ޒަމީރާއެކުގައި މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ މިނިސްޓަރު ޖައިޝަންކަރު ޖޫން މަހުގައި ދެވަނަ ދައުރަކަށް މަޤާމާ ހަވާލުވުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.