އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.

އެގޮތުން، ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނާފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރު ޒަމީރާއެކުގައި މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރު ޒަމީރާއި ޝައިޝަންކަރު އެއާޕޯޓުގައި -- ފޮޓޯ: ޕީއެސްއެމް ވީޑިއޯ

ހަމައެއާއެކު މިހާރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް މުރާޖާ ކުރައްވާނެ ކަމަށާއި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތައް ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ޤާބިލުކަން އިތުރުކުރުމާއި ވިޔަފާރިއާއި ވަށައިގެންވާ ދާއިރާތަކުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި އިންޑިއާއިން ސޮއިކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއީ މިނިސްޓަރު ޖައިޝަންކަރު ޖޫން މަހުގައި ދެވަނަ ދައުރަކަށް މަޤާމާ ހަވާލުވުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅިގެން އޭރު ޖައިޝަންކަރު ވިދާޅުވީ، އެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެވުނު ކަމަށެވެ.

ޒަމީރު ވެސް ވަނީ މީގެ ކުރިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާއަށް ވަޑައިގެންފައިވެއެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ. ނަމަވެސް ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ގުޅުންތައް އަންނަނީ ރަނގަޅުވަމުންނެވެ.