09 Aug 2024, 17:54
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ބާސްކެޓުބޯޅައިގެ ފިރިހެން އިވެންޓްގެ ފައިނަލުން އެމެރިކާ އާއި ފަރަންސޭސިވިލާތް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން އެމެރިކާ ޖާގަ ހޯދާފައިވަނީ ސެމީފައިނަލްގައި ސާބިއާ އާއި ބައްދަލުކުރި މެޗު ވަރަށް އުނދަގުލުން 95 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފަހު ކުއާޓާ އާއި ކުރިމަތިލީއިރު ސާބިއާ އުޅުނީ 76 ޕޮއިންޓް 63 ޕޮއިންޓުން ކުރީގައެވެ. ނަމަވެސް ފަހު ކުއާޓަރުގައި އެމެރިކާގެ ތަޖްރިބާއިން ފުރިފައިވާ ޓީމު މޮޅަށް ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ 13 ޕޮއިންޓްގެ ތަފަތު ދުއްވާލާ މެޗު ކާމިޔާބު ކުރުމެވެ.
މި މެޗުގައި އެމެރިކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދިން ސްޓެފަން ކަރީއެވެ.
މިފަހަރުގެ އެމެރިކާ ޓީމުގައި އެންބީއޭގައި ވާދަކުރާ ފާހަގަ ކޮށްލެވޭ ތަރިން ތިބި ނަމަވެސް ޓީމެއްގެގޮތުގައި ފުރަތަމަ ތިން ކުއާޓާގައި ކުޅެވިފައިވަނީ ވަރަށް ދައްކޮށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ސާބިއާއިން އެކަމުގެ ފައިދާ ނަގާ އެމެރިކާގެ މައްޗަށް ލީޑު ނެގުމެވެ.
ސާބިއާ ޓީމަށް ބަލާއިރު އެޓީމުގައި ހުރީ އެންމެފަހުން ނިމިގެންދިޔަ އެންބީއޭ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނިކޮލާ ޔޮކިޗްއެވެ. ނަމަވެސް އޭނާއަށް އެމެރިކާގެ ކުޅުންތެރިން ފަހު ކުއާޓާގައި ފަހަތަށް ޖައްސާލެވޭގޮތެއް ނުވިއެވެ.
މި މުބާރާތުގެ ފައިނަލްގައި އެމެރިކާ އާއި ބައްދަލުކުރާ ފަރަންސޭސި ޓީމުން ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ޖަރުމަނުވިލާތާއި ބައްދަލުކުރި މެޗު 73 ޕޮއިންޓް 69 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ފަރަންސޭސި ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވިކްޓާ ވެމްބަންޔާމާއެވެ. އެންމެފަހުން ޓޯކިޔޯގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ވެސް ބައްދަލުކޮށްފައިވަނީ އެމެރިކާ އާއި ފަރަންސޭސިވިލާތުންނެވެ. އެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވަނީ އެމެރިކާއިންނެވެ.