24 Jun 2012, 09:57
ދިމިޝްޤު (ޖޫން 24): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް އާސަރުކާރެއް އެކުލަވާލެއްވުމުން އެއީ ސޫރިޔާގެ މައްސަލައިގެ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ކަމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ސިފަކޮށްފި އެވެ.
ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކާއި ސިޔާސީ ފަރާތްތައް ގުޅިގެން އުފައްދާފައިވާ "ސީރިޔަން ނެޝަނަލް ކައުންސިލް"ގެ ވެރިޔާ ޢަބްދުލްބާސިތް ސީދާ ވިދާޅުވީ މިއީ ސޫރިޔާ އަށް އިސްލާޙްތައް ގެންނަމުންދާކަން ހާމަކޮށް ދުނިޔެ އަށް ޙަޤީޤަތް އޮޅުވާލުމަށް ޓަކައި ރައީސް ބައްޝާރުލްއަސަދް ހެއްދެވި "މަންތަރެއް" ކަމުގަ އެވެ.
ސީދާ ވިދާޅުވީ ބައްޝާރު ވެރިކަމުގައި ހުންނަވައިގެން ސޫރިޔާގެ ވެރިކަމުގެ ނިޒާމަށް އިސްލާޙު ނުގެނެވޭނެ ކަމަށާއި ބައްޝާރާއި އޭނާގެ ޢައިލާއަށް އޮތީ ވެރިކަމުން ފައިބާ ރައްޔިތުންގެ އަދާލަތާ ކުރިމަތިލުންކަމުގަ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ވަނީ އޭނާގެ ބަޢްޘް ޕާޓީގެ ސިޔާސީ ތަޖްރިބާކާރެއް ކަމަށްވާ ރިޔާޟް ޙިޖާބްގެ ބޮޑުވަޒީރު ކަމުގައި ސޫރިޔާގައި އައު ސަރުކާރެއް އެކުލަވާލުމުގެ ރިޔާސީ އަމުރެއް ނެރުއްވާފަ އެވެ. މިއަމުރާ އެކު ރިޔާޟް އެކުލަވާލެއްވި އައު ސަރުކާރުގައި ސޫރިޔާގެ އެތެރޭގައި ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ސުލްޙަވެރިކަމާ އެކު ސިޔާސީ ގޮތުން މަސައްކަތްކުރައްވާ އިދިކޮޅު ދެބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.
މިއީ ބައްޝާރުގެ ސަރުކާރުގައި އިދިކޮޅު ބޭފުޅުން ހިމެނި ފުރަތަމަ ފަހަރެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކާއި ސިޔާސީ ފަރާތްތައް ގުޅިގެން ބޭރުގައި އުފައްދާފައިވާ "ސީރިޔަން ނެޝަނަލް ކައުންސިލް"ގެ ވެރިޔާޢަބްދުލްބާސިތް ސީދާ މިދެބޭފުޅުން ސިފަކުރައްވާފައި ވަނީ ބައްޝާރުގެ ސިއްރު އަޢުވާނުންގެ ގޮތުގަ އެވެ.
އަނެއްކޮޅުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދާ ޙަމަލާތަކުގައި އިއްޔެ ވެސް 100 މީހަކު މަރުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މަރުވި 100 މީހުންގެތެރޭގައި ސަރުކާރު ސިފައިންގެ 29 މީހަކާއި އިދިކޮޅު ހަނގުރާމަވެރިންގެ 35 އަށް ވުރެ ގިނަ މީހުންނާއި ކުށެއްނެތް އާންމުންގެ އެތައް ބަޔަކު ހިމެނޭ ކަމަށް ސޫރިޔާގެ އެތެރެއިން ލިބޭ ރިޕޯޓްތައް ބުނެ އެވެ. އިއްޔެ މަރާލި ޢާންމުންގެ ތެރޭގައި ހަ މީހުންގެ މައްޗަށް އެކުލެވޭ ޢާއިލާއެއް ހިމެނޭކަމަށް ވެސް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ+މީޑިޔާ ރިޕޯޓްތައް)