09 Aug 2024, 09:30
ހިންދީ ސިނަމާގައި ހަތްދިހައިގެ އަހަރުތަކުގައި ވިދާލި ކުރީގެ މަޝްހޫރު ބަތަލާ ޕަރުވީން ބާބީގެ ބައޮގްރަފިކަލް ޑްރާމާ, ޒުވާން ބަތަލާ ތުރިޕްތީ ދިމްރީއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައިވާ ގޮތުން މި ބައޮގްރަފިކަލް ޑްރާމާގެ ޕަރުވީންގެ ރޯލަށް ތުރިޕްތީ ގެންނަން ފިލްމުގެ ޕްރޮޑިއުސަރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ފިލްމުފެއާގައި ބުނެފައިވާ ގޮތުން މި ބައޮގްރަފީ އުފައްދަން ނިންމާފައި ވަނީ މަޝްހޫރު ލިޔުންތެރިޔާ ކަރިޝްމާ އުޕަދްޔޭ ޕަރުވީނު ބާބީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބައޮގްރަފީ 'ޕަރުވީނު ބާބީ: އަ ލައިފް'ގެ މައްޗަށް ބިނާކޮށެވެ.

ކުރީގެ ފިލްމީ ތަރި ޕަރުވީން ބާބީ --ފޮޓޯ/މިޑްޑޭ
މި ބައޮގްރަފީ ކުޅެން ތުރިޕްތީ އެއްބަސްވެފައިވާކަން ކަށަވަރުވެފައި ނެތްނަމަވެސް ފިލްމުގެ ލީޑް ރޯލް ކުޅެން ހޮވާފައިވާ ޓޮޕް ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ބަތަލާކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "އެނިމަލް"އަށް ފަހު ތުރިޕްތީ ވެފައި ވަނީ ބެލުންތެރިންގެ މަގުބޫލުކަމާ އެއްވަރަށް ޕްރޮޑިއުސަރުންގެ މެދުގައި ވެސް އެންމެ ޑިމާންޑު އޮތް އެއް ބަތަލާއަށެވެ. ތުރިޕްތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 19ގައި ރިލީޒްކުރި ދަރުމާ ކުންފުނީގެ ފިލްމު "ބޭޑް ނިއުސް"އިންނެވެ.
ހިންދީ ސިނަމާގެ 70އިގެ އަހަރުތަކުގެ އެންމެ އަގު ބޮޑު ބަތަލާ ޕަރުވީން ބާބީ އަކީ ފިލްމީ ތަރިއެއްގެ ގޮތުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ތަރިއެކެވެ. ފިލްމީ ތަރިން ކަމަށްވާ ޑެނީ ޑެންޒްގޯޕާ އާއި ކަބީރު ބެދީ ފަދަ އޭރުގެ މަޝްހޫރު އެކްޓަރުންނާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާގެ ނިމުން ގިނަބަޔަކު ސިފަކުރަނީ ވަރަށް ހިތްދަތިކޮށެވެ. ޕްރޮޑިއުސަރު މަހޭޝް ބަޓްއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ދިރިއުޅުނު ގޭގައި މަރުވެފައި އޮތްވާ ފެނުނީ ތިން ދުވަސް ފަހުން ކަމަށް އޭރުގެ ރިޕޯޓުތަކުގައި ވަނީ ލިޔެފައެވެ.