09 Aug 2024, 09:27
ދާދިފަހުން ބޮލީވުޑްގެ އެކްޓަރު އަދިތިޔަ ރޯއި ކަޕޫރާ އެކު އޮތް ލޯބީގެ ގުޅުން ނިންމާލިތާ މާ ގިނަ ދުވަހެއް ނުވެ ބަތަލާ އަނަންޔާ އާ ލޯބިވެރިޔަކު ހޯދައިފިކަމުގެ އަޑުތައް ފެތުރިއްޖެއެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާގޮތުގައި އަނަންޔާ އާއި އަދިތިޔާގެ ލޯބީގެ ގުޅުން ނިމުމަކަށް އައީ މި އަހަރުގެ މާޗު މަހުއެވެ. އޭގެ މަސްތަކެއް ފަހުން އަނަންޔާއާ މިހާރުގެ ލޯބިވެރިޔާ ވޯކާ ބްލެންކޯ ބައްދަލުވެފައި ވަނީ ދާދިފަހުން އިންޑިއާގައި ބޭއްވި އަމްބާނީ އާއިލާގެ ކައިވެނީގެ ހަފުލާއެއްގެ ތެރެއިންނެވެ.
ކައިވެނީގެ ކުރިން ބޭއްވި ޕްރީ-ވެޑިން ހަފުލާއެއް ޔޫރަޕްގެ ކްރޫޒް ލައިނާއެއްގައި ބޭއްވިއިރު ބްލާންކޯ އަކީ އެ ދަތުރުގައި ބައިވެރިވި ޚާއްސަ މެހެމާނެކެވެ. އޭގެ ފަހުން މުމްބާއީގައި ބޭއްވި ކައިވެނީގެ ހަފުލާތަކުގައި އަނަންޔާ ވަނީ ރަހްމަމްތެރިންނަށް ބްލާންކޯ އަކީ މިހާރުގެ ބައިވެރިޔާ ކަމަށް ބުނެ ތައާރަފުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޯކާ ބްލާންކޯ ޖާމްނަގަރުގައި--ފޮޓޯ/ފިލްމުފެއަ
އެމެރިކާގެ ޝިކާގޯއަށް ނިސްބަތްވާ ބްލާންކޯ އަކީ ކުރިން މޮޑެލެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ބްލާންކޯ އަކީ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީ އިސްކޮށް ހުރެ އެ އާއިލާއިން އިންޑިއާގެ ޖާމްނަގަރުގައި ހިންގަމުން އަންނަ ވަންތާރާ އެނިމަލް ޕާކުގައި މަސައްކަތް ކުރާ މީހެކެވެ.
ބްލާންކޯ އާއި އަނަންޔާ އަނަންތުގެ ކައިވެނީގެ ހަފުލާތަކުގައި އެކީގައި ވަރަށް ގިނަ ވަގުތު ހޭދަކޮށް ބައެއް ލަވަތަކަށް ނަށަމުންދިޔަ މަންޒަރުތައް ހިމެނޭ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. ނަމަވެސް ދެ މީހުންގެ ގުޅުމާ ބެހޭގޮތުން މިހާތަނަށް އަނަންޔާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަނަންޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ރިލީޒްކުރާ ވެބް ސީރީސް "ކޯލް މީ ބޭ"އިންނެވެ.