ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާއާ ދެކޮޅަށް އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކޮންގްރެސްއިން ދައުވާކޮށްފިއެވެ.

އިންޑިއާގެ ބީޖޭޕީއަށް ނިސްބަތްވާ ބަތަލާގެ މައްސަލައެއް ކޯޓަށް ހުށަހަޅައިފައިވަނީ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ އެޑިޓްކޮށްފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާ ގުޅިގެންނެވެ. ކަންގަނާއަށް ދައުވާކުރަން ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގައި ވަކާލާތުކުރާ އިސް ވަކީލު ނަރެންދުރަ މިޝްރާއެވެ.

ރާހުލް ގާންދީގެ އަބުރަށް އަރައިގަތުމުގެ މަގްސަދުގައި އެކަމަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ އޭގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު ނަގައިދިނުމަށް ނަރެންދުރަ މިޝްރާ ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

ރާހުލް ގާންދީއަށް ރައްދުކޮށް ކަންގަނާ ޕޯސްޓުކުރި ފޮޓޯއާ އެކު ބުނެފައި ވަނީ "ނަސްލު ސާފު ނުވާ މީހަކު އެހެން މީހުންގެ ނަސްލު އޮޅުންފިލުވާ ހޯދަން" އުޅޭ ކަމަށެވެ.

ފިލްމީ ތަރި ކަންގަނާ--ފޮޓޯ/ފިލްމުފެއަ

ފަހަކަށް އައިސް ރާހުލް ގާންދީއަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުން އަންނަ ކަންގަނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރާހުލް ގާންދީ މަސްތުވާތަކެއްޗަށް ޓެސްޓު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. ކަންގަނާ މިހެން ބުނެފައި ވަނީ ދާދިފަހުން ގާނޫނު ހަދާ މަޖިލީހުގައި ރާހުލް ބަހުސްކުރިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރަމުންނެވެ.

ސިޔާސީ މައިދާނުގައި ގިނަ ގޮންޖެހުންތަކާ ކަންގަނާ ކުރިމަތިލަމުން އަންނައިރު ފިލްމު އިންޑަސްޓްރީގައި ވެސް އޭނާއަށް ގިނަ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނަށް ނިސްބަތްކޮށް ފާޅުގައި ބޮޑެތި ތުހުމަތުތައް ކުރަމުން ދާތީ ކަންގަނާއާ ވަރަށް ގިނަ ފިލްމީ ތަރިންގެ ގުޅުން އޮތީ ގޯސްވެފައެވެ.