24 Jun 2012, 09:41
އިސްލާމްއާބާދު (ޖޫން 24): ޕާކިސްތާނުގެ އާބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފް އޭނާގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވައިފި އެވެ.
އާކެބިނެޓްގައި ވަޒީރުންނާއި ދައުލަތުގެ ވަޒީރުންގެ 38 ބޭފުޅަކު ހިމެނޭ އިރު މީގެތެރެއިން 36 ބޭފުޅުންނަކީ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރުގެ ކެބިނެޓްގައި ވެސް ތިއްބެވި ވަޒީރުންނެވެ. މީގެތެރޭގައި ތިން އަންހެންބޭފުޅުން ވެސް ހިމެނެ އެވެ. މިތިން އަންހެން ވަޒީރުންނަކީ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ އާއި ޢާންމު ޚިދްމަތްތަކާ ބެހޭ ވަޒީރާ ފިރްދަވްސު އަޝްޤް އާއި ޤައުމީ ހެރިޓޭޖާބެހޭ ވަޒީރާ ސަމީޙާ ޚާލިދް އެވެ.
އަލަށް ކެބިނެޓާ ގުޅިވަޑައިގަތް ދެވަޒީރުންނަކީ އިންފޮމޭޝަން މިނިސްޓަރު ޤަމަރުއްޒަމާން އާއި ޖަސްޓިސް މިނިސްޓަރު ފާރޫޤް ޙަމީދެވެ. ރާޖާ ޕަރުވޭޒްގެ ސަރުކާރުގައި 38 ވަޒީރުންނާއި ދައުލަތުގެ ވަޒީރުން ހިމެނޭ އިރު ދައުލަތުގެ ވަޒީރުންގެ ގޮތުގައި ތިއްބެވީ 11 ބޭފުޅެކެވެ. ދެން ތިއްބެވި ވުޒާރާތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ވަޒީރުންނެވެ.
މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އެ ޤައުމުގެ ޕާލަމެންޓުން އިންތިޚާބުކުރި ރާޖާ އަޝްރަފަކީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ސިޔާސީތަޖްރިބާކާރެކެވެ. އޭނާ ވަނީ ޕީޕީޕީގެ ވެރިކަމުގައި އިލެކްޓްރިކާއި ފެނުގެރިސޯސްތަކާ ބެހޭ ވަޒީރުކަން ކުރައްވާފަ އެވެ.
ޕާކިސްތާނުގެ ސުރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވަޑައިގެންނެވި ކަމުގެ ކުށް ސާބިތުވެގެން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ގިލާނީ މަގާމުން ދުރުކުރުމަށް އެކޯޓުން ޙުކުމްކުރީ މިދިޔަ ހަފްތާގަ އެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ގީލާނީ ތަބާވެ ވަޑައިނުގަތްކަމަށް އެކޯޓުން ނިންމީ ރައީސް އާސިފް ޢަލީ ޒަރުދާރީގެ ކޮރަޕްޝަނުގެ މައްސަލައެއްގެ މަޢްލޫމާތު ހޯދުމުގައި ސުޕްރީމް ކޯޓަށް އެހީތެރިވެދިނުމަށް އެކޯޓުން ކުރި އަމުރަކަށް އެނާ ޢަމަލު ނުކުރެއްވުމުންނެވެ.
ބޮޑުވަޒީރު ކަމުގެ މަޤާމަށް ހަމަޖައްސަން ކުރިން ނިންމާފައި ވަނީ ގީލާނީގެ ސަރުކާރުގެ ވަޒީރެއް ކަމަށްވާ މަޚްދޫމް ޝަހާބުއްދީނެވެ. ކޮރަޕްޝަނުގެ މައްސަލެއްގައި އޭނާ ހައްޔަރުކުރުމަށް ކޯޓުން އަމަރުކުރުމާ އެކު ޕާކިސްތާން ފުލުހުން މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ޕިޝާވަރުގެ ހައިކޯޓުން އޭނާ ކަފާލާތުގެ ދަށުން މިނިވަންކުރުމަށް އަމުރުކުރުމުން މިހާރު ވަނީ މިނިވަންކޮށްފަ އެވެ. (އަލްޖަޒީރާ)