08 Aug 2024, 21:43
އިގްތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި، އެ އާއިލާތައް ހާލުގައިޖެއްސުމަށްފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންތަކެއް އެއްފަހަރާ ވަޒީފާތަކުން ވަކިކުރުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާއަދާކުރާ ގިނަ ރައްޔިތުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްފަހަރާ ވަޒީފާތަކުން ކަނޑަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޕާޓީން ވަނީ އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލައިފައެވެ.
މި ސަރުކާރުން އެކަން އެ ކުރަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކެމްޕެއިން ޖަލްސާތަކުގައި އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުުކުރާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށްފަހު ކަމަށް އެ ޕާޓީން ބުންޏެވެ.
އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި އެ އާއިލާތައް ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި އަނިޔާވެރި ފިޔަވަޅު ރައްޔިތުންނަށް އަޅަމުންދާއިރު، ސަރުކާރުގެ މި ކުންފުނިތަކުގައި ކުރިން ނުތިބޭވަރަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި އިސް ވެރިން ސަރުކާރުން ވަނީ އެ ކުންފުނިތަކަށް އައްޔަނުކޮށްފަ،އެމްޑީޕީގެ ނޫސްބަޔާން
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އެތައް ބަޔަކު އަދިވެސް އައްޔަނުކުރަމުންދާކަމަށް އެމްޑީޕީން ބުންޏެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000އާ ގާތްކުރާނެ ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީން ބުނިގޮތުގައި ރައީސް މުއިއްޒު، ރިޔާސީ ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކަކީ 'ރައްޔިތުންގެ ވޯޓު ހޯއްދެވުމަށްޓަކައި ހެއްދެވި ދޮގުތަކެއްކަން' ސާބިތުވެއެވެ.
އެގޮތުން މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމާއި، އަށް މަހުން ފުށިދިއްގަރުފަޅު ހިއްކުމާއި، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 12،000 ރުފިޔާއަށް ބޮޑުކުރުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު 700އަށްވުރެ ގިނަނުކުރުމުގެ ވައުދުގެ އިތުރުން މިދިޔަ އެމްޑީޕީގެ ސަރުކާރުން ފުލެޓް ދިން ފަރާތްތަކަށް ފުލެޓް ހަވާލުކުރުމަށް ވި ވައުދުތަކާ ޚިލާފުވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް. އަދި ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި މި ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ވާހަކަވެސް މިފުރުސަތުގައި ދަންނަވަން،އެމްޑީޕީގެ ނޫސްބަޔާން
އެމްޑީޕީން މިފަދައިން ބުނެފައިވާއިރު ފެނަކައިން ވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައި ތިބި ވަގުތީ މުވައްޒަފުން ވަކިކުރަން ނިންމާފައެވެ.
ފެނަކައިން މީގެ ކުރިން ބުނި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންނަކީ މާބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ބައެއް ނޫނެވެ. އެގޮތުން ކުންފުނީގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފަދަ ދަނޑިވަޅެއްގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން ހާމަނުކުރުމަކީ ވެސް އިދިކޮޅުގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ އެ އަދަދުތައް ހާމަކުރުމަށްޓަކައި އެމްޑީޕީން ކުއްލި މައްސަލަތަކެއް ވެސް ހުށަހަޅާފައެވެ.