ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރައްވަން އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު މާދަމާ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދަޢުވަތަކަށް، އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު މާދަމާއިން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި މިނިސްޓަރު ޖައިޝަންކަރު ރައީސް މުޢިއްޒުއާ ބައްދަލުކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، ޖައިޝަންކަރު މިނިސްޓަރު ޒަމީރާއެކު ރަސްމީ މަޝްވަރާތަކެއް ކުރައްވާ، މިހާރު ހިނގަމުންދާ ދެ ޤައުމުގެ ގުޅުންތައް މުރާޖާ ކުރައްވާނެ ކަމަށާއި، ދެ މިނިސްޓަރުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތައް ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.

އަދި ޤާބިލުކަން އިތުރުކުރުމާއި ވިޔަފާރިއާއި ވަށައިގެންވާ ދާއިރާތަކުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި އިންޑިއާއިން ސޮއިކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއީ މިނިސްޓަރު ޖައިޝަންކަރު ޖޫން މަހުގައި ދެވަނަ ދައުރަކަށް މަޤާމާ ހަވާލުވުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅިގެން އޭރު ޖައިޝަންކަރު ވިދާޅުވީ، އެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެވުނު ކަމަށެވެ.

ޒަމީރު ވެސް ވަނީ މީގެ ކުރިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް މިވަގުތު ހުންނެވީ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާގައެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.