ރިއޯޑިޖިނޭރޯ (ޖޫން 23): ބްރެޒިލްގެ ރިއޯޑިޖިނޭރޯގައި ކުރިޔަށްދިޔަ ރިއޯ+ 20 ސަމިޓް 53، ސަފުހާގެ "ގުޑްއިންޓެންޝަން" ނުވަތަ ހެޔޮ ނިޔަތުގެ އެއްބަސްވުމަކާ އެކު ނިންމާލައިފި އެވެ.

މިސަމިޓް ނިންމާލިއިރު ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިސަމިޓުން ނެރުނު އެއްބަސްވުމަކީ ލަނޑުދަނޑިތައް ޙާސިލްކުރަން މަޖްބޫރުކަމެއްނެތް އަދި އެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ބޭނުންވާ ފައިސާ އެކަށައަޅާފައިނުވާ ހަމައެކަނި "ގުޑްއިންޓެންޝަން" ނުވަތަ ހެޔޮ ނިޔަތުގެ އެއްބަސްވުމެއް ކަމުގަ އެވެ.

ތިމާވެއްޓާ ރަޙްމަތްތެރި ދެމެހެއްޓެނިވި ތަރައްޤީއެއް ގެނައުމަށް ޓަކައި "ފެހި އިޤްތިސާދަކަށް" އަމާޒުކޮށްގެން ބޭއްވި މިސަމިޓުން ނެރުނު 53 ސަފުހާގެ އެއްބަސްވުން ނަޒަރީގޮތުން ރަނގަނޅު ނަމަވެސް ޢަމަލީ ގޮތުން މިއެއްބަސްވުމަށް ޢަމަލުކުރެވިދާނެކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ސަމިޓްގައި ބައިވެރިވި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އެކްޓިވިސްޓުން ބުނެ އެވެ.

ރިޔޯ ސަމިޓުން ނެރުނު ގުޅިފައިވާ އެއްބަސްވުމަށް ބައިވެރިން މަރްޙަބާކިޔާއިރު މިއެއްބަސްވުމަށް ޢަމަލުކުރުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީވުމަށް އެޤައުމުތަކުން އެދުނު 30 ބިލިޔަން ޑޮަލަރުގެ ވާހަކަނެތުމުން ތަރައްޤީވަމުން އަންނަ ޤައުމުތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އެކްޓިވިސްޓުން ވަނީ ނުތަނަވަސް ވެފަ އެވެ.

ރިއޯ+ 20 ސަމިޓުން ފާސްކުރި "އަހަރެމެން ބޭނުންވާ މުސްތަގްބަލް" ނުވަތަ "ދަ ފިއުޗާ ވީ ވޯންޓް" ން ދެމެހެއްޓެނިވި ފެހިއިގްތިސާދަކަށް މަގު ފަހިވެގެންދާނެ ކަމަށް އުންމީދުކުރެވިފައިވީ ނަމަވެސް ދުނިޔޭގެ ބާރުގަދަ މުއްސަނދި ބައެއް ޤައުމުތައްކަމަށްވާ އެމެރިކާ އާއި ރަޝިޔާ އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް މިސަމިޓަށް މާބޮޑު ސަމާލުކަމެއް ދީފައެއްނުވެ އެވެ.

މިސަމިޓުގައި ދުނިޔޭގެ 191 ޤައުމުން މަންދޫބުން ބައިވެރިވެފައިވާއިރު 90 އަށް ވުރެ ގިނަ ގައުމުތަކުގެ އެންމެ އިސްލީޑަރުން ބައިވެރިވެޑައިގެންނެވި އެވެ. ނަމަވެސް މިބޮޑު ސަމިޓްގައި ކުރިންދެންނެވުނު ބޮޑު މުއްސަނދި ޤައުމެއްގެ އިސްވެރިއަކު ބައިވެރިވެ ވަޑައެއްނުގަންނަވަ އެވެ. އެހެންކަމުން އަހަރެމެން ބޭނުންވާ މުސްތަގްބަލް ނުވަތަ "ދަ ފިއުޗާ ވީ ވޯންޓް" ގެ ނަމުގައި މިސަމިޓުން ފާސްކުރި އަމާޒަށް ދުނިޔެ ވާސިލް ކުރުވުމުގައި އެމެރިކާފަދަ މުއްސަނދި އަދި ބާރުގަދަ ޤައުމުތަކުގެ އެހީތެރިކަން ލިބިދާނެކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ.

ފެހި އިޤްތިސާދަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ރިޔޯގެ އެއްބަސްވުމުގައި އަލިއަޅުވާލައިފައި ކަންތައްތަކުގެ ތެރޭގައި ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ޖަންގަލިތައް ނެތިދިއުމާއި ހަނަފަސްވަމުންދާވަރު އިތުވުމާއި މަހުގެ ސްޓޮކް މަދުވުމާއި ވައިގެ ނުސާފުކަމާއި ދިރޭކާއިނާތުގެ ބޮޑުބައެއް ނެތިދިޔުމުގެ މައްސަލަފަދަ އެތަށް މައްސަލައެއް ހިމެނެ އެވެ. މީގެއިތުރުން އދ.ގެ ސާސްކަފް ލަނޑުދަނޑިތަކުގެ މުއްދަތު 2015 ވަނަ އަހަރު ހަމަވާތީ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ އައު ޕްރޮގްރާމެއް އިފްތިތާޙްކޮށް އައު ލަނޑުދަނޑިތަކަކަށްވެސް ރިޔޯ ސަމިޓްގައި ވަނީ އެއްބަސްވެފަ އެވެ.

"މިއީ ދުނިޔެއިން ހައިހޫނުކަން ތައްނާލުމުގެ އިތުރުން ކޮންމެ އިންސާނަކަށްވެސް ކާބޯތަކެތީގެ ގެރެންޓީ ލިބިދޭނެ ޕްރޮގްރާމެެއް. މިޕްރޮގްރާމްގެ ބޭނުމަކީ ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ދަނޑުވެރިންނާއި ސައެންސްވެރިންނާއި މަދަނީ މުޖްތަމަޢު ގުޅިގެން ދުނިޔެއިން ހައިހޫނުކަން ނައްތާލުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން". އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެފައިވެ އެވެ.

2015ގެ ކުރިން ހައިހޫނުކަން ނައްތާލައި ދުނިޔޭގެ ފަގީރުކަން ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް 2000 ވަނަ އަހަރުގެ ސާސްކަފް ސަމިޓްގައި އދ.ން އިޢްލާންކުރި ޕްރޮގްރާމް ފޭލްވެފައިވާކަން ކަށަވަރުވެފައިވާ އިރު ހައިހޫނުކަން ނައްތާލުމުގެ ނަމުގައި ރިޔޯ ސަމިޓްޣައި އދ. ން އިތުރު ޕްރޮގްރާމެއް އިފްތިތާޙްކުރީ މިސަމިޓްގައި ދުނިޔޭގެ މަދަނީ މުޖްތަމައުގެ ޖަމްޢިއްޔާ ޖަމާއަތްތައް ތަމްސީލްކުރާ އެކްޓިވިސްޓުންގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނާ އިރު މިއީ ވެސް ސާސްކަފް ސަމިޓްގައި ފާސްކުރިފަދަ ޢަމަލީ ސިފައައުން ދުރު "ޑިޕްލޮމެޓިކް" ޕްރޮގްރާމެއްކަމަށް ވަނީ ސިފަކުރެވިފަ އެވެ. (ނޫސްއެޖެންސީތައް)