24 Jun 2012, 09:35
ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ސްޕްރީމް ކޯޓުން ގަވާއިދެއް ހަދާފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ވަކީލުން ރޭ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ އިސް ވަކީލުންވެސް ބައިވެރިވެ ވަޑައިގެތް އެ ބައްދަލުވުން އޮތީ ރޭ 8:00 ޖެހީއިރު ޝީބިލްޑިންގުގަ އެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލަކު ވިދާޅުވީ ދާދި ފަހުން ސްޕްރީމް ކޯޓުން ނެރެފައިވާ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދާ މެދު ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ފާހަނގަ ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގަވާއިދު އެގޮތަށް ނެރުމުގެ ސަބަބުން ވަކީލުންގެ މަސައްކަތަށް ދަތިވާކަމަށް ފާހަކުރެވޭތީ އެކަންހައްލު ކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަދެއްކުމަށް ރޭގެ ބައްދަލުވުމުގައި ހުރިހާ ވަކީލުންވެސް އެއްބަސްވި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ބޮޑަތި މައްސަލަތަކެއް އެބަހުއްޓޭ އެ ގަވާއިދުގައި، އަޅުގަނޑުމެންގެ މަސައްކަތައް ދަތިވާނެ، އެހެންވެ އަޅުގަނޑުމެން ނިންމީ އެކަމުގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރަން، މިއީ ހުރިހާ ވަކީލުންވެސް އެއްބަސްވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ގަވާއިދު އިސްލާހުކުރުމަށް ވަކީލުންގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނޭ ކުޑަ ކޮމެޓީއެއް ރޭ އެކުލަވާލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާއި ކުރީގެ ބަންޑާރަ ނާއިބް އަބްދުﷲ މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ އިތުރުން ގިނަ ގާނޫނީ ވަކީލުންތަކެއް ބައިވެރިވެވަޑައިގަތެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އެގަވާއިދުގެ 2.2 ވަނަ މާއްދާގައި ބުނަނީ "ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ކުރެވޭނީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ އޮތުމުގެ އިތުރަށް އެކޯޓެއްގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންގެ ރަޖިސްޓްރީގައި ގަވާއިދުން ރަޖިސްޓްރީކޮށް އެކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް" ކަމަށެވެ.
އެ ގަވާއިދު ނެރުމާއި ގުޅިގެން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ވަނީ އެ ކޯޓުތަކުގައި ވަކާލާތުކުރަން ބޭނުންވާ ވަކީލުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާލައިފަ އެވެ. އަދި ގިނަ ވަކީލުންތަކެއް އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުން ދަނީ އެ ގަވާއިދުގެ ސަބަބުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް ރަޖިސްޓްރީވާންޖެހޭ މައްސަލައިގަ އެވެ.