24 Jun 2012, 09:33
މާލޭގެ ދެ ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ރޭގެ ވަގުތެއްގައި ޒަހަމުކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ދެ މީހުންނަކީ އުމުރުން 17 އަހަރުގެ ކުޑަފިރިހެން ކުއްޖަކާއި 29 އަހަރުގެ ބިދޭސީއެއް ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އުމުރުން 17 އަހަރުގެ ކުއްޖާ އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭ ފަތިހު 04:30 އެހާކަންހާއިރު އޭނާ މާފަންނު އޮޅުވެލި ކައިރިން ހިނގާފައިދަނިކޮށް ސައިކަލެއްގައި އައި ދެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ތޫނު އެއްޗަކުން އެ ކުއްޖާގެ ބުރަކަށްޓަށް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.
އޭގެއިތުރުން އުމުރުން 29 އަހަރުގެ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމާލާދީ ޒަޚަމްކޮށްލާފައި ވަނީ ސޯސަންމަގުން ހިނގާފައިދަނިކޮށް ސައިކަލެއްގައި އައި ދެ މީހަކު ކަމަށް މަޢުލޫމާތު ލިބިފައިވާ އިރު އޭނާގެ ބުރަކަށް ޓަކަށް ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.
އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވި ނަމަވެސް ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށް ވަނީ ބުނެފަ އެވެ.