އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ލުއި ގޮތްތައް ހޯދައިދިނުމަށް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެވެ.

ފައިސަލް މިފަދައިން ވިދާޅުވީ އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން (އަހައިސް)އިން އިންތިޒާމްކޮށްގެން ބޭއްވި "އަހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު"ގައި ވާހަކަ ދައްކަވަމުންނެވެ.

"ޓޫރިޒަމާ ބެހޭ އާ ގާނޫނުން އިތުރު ފަސޭހަތަކަކާއި އިންވެސްޓަރުންނަށް ފުރުސަތުތައް ލިބިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން (އަހައިސް) އިން އިންތިޒާމްކޮށްގެން ބޭއްވި "އަހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު"ގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް--- ފޮޓޯ/ ޓޫރިޒަމް މިނިސްޓަރީ

ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމުގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހިމެނެނީ މެހެމާންދާރީގެ ދާއިރާގައި ރާއްޖޭގެ ފެންވަރު ރަނގަޅުވުމާއި ފަތުރުވެރިންގެ ޑިމާންޑް ކަމަށެވެ.

އަބަދުވެސް އިންޑިއާ ކަނޑު ސަރަޙައްދުގެ އެންމެ މަތީ މާކެޓުގެ ގޮތުގައި ރާއްޖެ ރޭންކް ކުރެވެމުންދާއިރު، އޭޑީއާރު އަދި ރެވްޕާގައި ފާހަގަކުރެވޭ ކުރިއެރުމެއް ރާއްޖޭން ދައްކުވައިދޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ދެމެހެއްޓެނިވިގޮތެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ މުސްތަގުބަލުގެ ތަސައްވުރު ކަމަށެވެ. އެގޮތުން، ދާއިރާއަށް އިންވެސްޓުކުރުމަށް ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތައް ގެންގުޅޭ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

މިއަދު ބޭއްވި ކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގެ 140މީހުން ބައިވެރިވިއެވެ.