އެހެން ޒިންމާތައް ދޫކޮށް ތިމާގެ ފަރުދީ ޒިންމާ އެކަނި އަދާކުރުމުން އެ މީހަކީ އިންސާނީ ތަހްޒީބު ހާސިލްވެފައިވާ މީހެއް ނޫން ކަމަށް ރައީސް މައުމޫން ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ކަން ކުރައްވާފައިވާ އަދި މިހާރު ސިވިލްސާވިސް ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ 2012 ވަނަ އަހަރުގެ ގުރަޖުއޭޝަން ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. މުހައްމަދު ލަތީފް ވިދާޅުވީ ތިމާއަށް އިންސާނީ ތަހްޒީބު ހާސިލްކުރެވޭނީ ތިމާގެ ފަރުދީ ޒިންމާތަކާއި މަސްލަހަތު ތަކަށް ވުރެ އެހެން ވާޖިބްތައް ކުރިއަށް އެރިގެން ކަމަށާއި އޭގެ ތެރޭގައި ތިމާގެ އަމިއްލަ ޒިންމާ އާއި އާއިލާގެ ޒިންމާ އާއި ގައުމީ ޒިންމާތައް އުފުލޭ މީހަކަށް ތިމާވާން ޖެހޭ ކަމަށެވެ.

"ފަރުދީ ޒިންމާ އެކަނި އުފުލީމާ އިންސާނީ ތަހްޒީބް ހާސިލެއް ނުވޭ. ތިމާ އިންސާނީ ތަހްޒީބު ހާސިލް ކުރުމަށް ޓަކައި އާއިލީ، ގައުމީ ޒިންމާތައް އުފުލަން ޖެހޭ،" ޑރ. ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކީ ވެސް ޒިންމާ އުފުލުމާ އެކު މުސްތަގްބަލް ހޯދަން މަސައްކަތް ކުރާ މީހަކަށް ވާން ޖެހޭ ކަމަށާއި ތިމާއަށް ކަމެއް ހާސިލް ވާނީ ތިމާކުރި މަސައްކަތަކުން ކަމަށެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި މިރޭ ބޭއްވި އެ ހާއްސަ ރަސްމިއްޔާތުގައި މި އަހަރު އެ ސްކޫލުން ގުރޭޑް 12 ނިންމައި ދަސްވެނިވި ކުދިނަށް ހަދާނީ ލިއުން ދިނުންއޮތެވެ. އެގޮތުން އެކުދިންނަށް ހަދާނީ ލިއުން ހަވާލުކޮށް ދެއްވީ ޑރ. މުހައްމަދު ލަތީފެވެ. އަދި އެ ރަސްމިއްޔާތުގައި ދަސްވެނިވި ކުދިންގެ ޝަރަފުގައި ދަސްވެނިވި ލަވައެއް އެ ސްކޫލުގެ ކުދިން ހުށައެޅުން އޮތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ކޮންމެ ކުއްޖަކު ވެސް ތައުލީމީ ހަޔާތް ނިންމާލުމަށް ފަހު އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ގައުމަށް ހިދުމަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ރަނގަޅު އަހުލާގެއްގެ ވެރި ކުއްޖަކަށް ވާން ޖެހޭ ކަމަށެވެ.