ފަލަސްތީނުގައި ނަސްލު ނައްތާލުމަށް ކުރާ ހަނގުރާމަ ނިންމޭނީ ގައުމުތައް އިސްތިސްނާ ނުވާހެން ޤާނޫނުތައް ތަންފީޒުކުރުމުންކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިފަދައިން ވިދާޅުވީ، ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ދެއްވި ތަގުރީރުގައެވެ.

އެ މަނިކުފާނުގެ ތަޤްރީރުގައި ވިދާޅުވީ، އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގްވާމީ ގާނޫނާއި އިންސާނީ ހައްގުތަކާބެހޭ ގާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާއެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ހަނގުރާމަ ވަގުތުން ހުއްޓާލާ، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތަށް އެންމެ މުހިންމުކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނި، ރާއްޖެއިން އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް އެގައުމާއެކު ތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހަމައެއާއެކު، މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށްކަމަށް ކަނޑައެޅުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަލަސްތީނު އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެކަން ކުށްވެރިކުރައްވާފައެވެ.

އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުންދާ 57 މެމްބަރު ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ. ރާއްޖެ އޯއައިސީ ގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ.