ކޮލަންބޯ (7 އޮގަސްޓް 2024): ސްރީލަންކާގެ ޕާލަމެންޓްގައި އަޣްލަބިއްޔަތު އޮންނަ ޕާޓީކަމަށްވާ ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ގެއްލުނު ނަމަވެސް ރަނިލް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އޭނާ އިއުލާނު ކުރައްވައިފިއެވެ.

ރަނިލް އާ ހަވާލާދީ ސްރީލަންކާގެ ނޫސްތައް ބުނާގޮތުން އެެހެން ބައެއް ޕާޓީތަކުގެ އެހީގައި ރިޔާސީ ރޭހަށް ނުކުންނަވާނެކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރަނިލް ހުންނެވީ ޕާލަމެންޓްގައި އަޣްލަބިއްޔަތު އޮންނަ ޕާޓީކަމަށްވާ އެސްއެލްޕީޕީގެ ފަރާތުން ރިޔާސީ ރޭހަށް ނެރޭ ކެންޑިޑޭޓަކަށް އޭނާ ވެގެންދާނެކަމުގެ އުންމީދުގައެވެ.

ނަމަވެސް ރަނިލްގެ މި އުއްމީދު މިހާރުވަނީ މުޅިން ގެއްލިގެން ގޮސްފައެވެ. އެއީ އެސްއެލްޕީޕީގެ ފަރާތުން ރިޔާސީ ރޭހަށް ނެރޭ ކެންޑިޑޭޓުކަން އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ފިރިހެން ދަރިފުޅު ނަމާލް ރާޖަޕަކްސައަށް ދިނުމަށް އެޕާޓީން ނިންމުމާ ގުޅިގެންނެވެ.

"އެސްއެލްޕީޕީ"އަކީ ރާޖަޕަކްސަގެ ޕާޓީއެވެ. ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވި މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި މަހިންދަގެ ކޮއްކޯފުޅު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެސް ޕާޓީއެވެ.

ދެހާސް ބާވީސް ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ އިނދަޖެހުމާއެކު ރައްޔިތުން ރިޔާސީ ގަނޑުވަރަށް އަރައިގަތުމާއެކު ގޮތަބަޔާ ރާޖަޕަކްސައަށް ޖެހިވަޑައިގަތީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ގައުމުން ފިއްލަވާށެވެ. އަދި ގައުމުން ފިއްލެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވާށެވެ.

އިސްތިއުފާ ދެއްވިނަމަވެސް ދެތިން މަހެއްފަހުން ގޮތަބަޔަވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ. ގޮތަބަޔަ އިސްތިއުފާ ދެއްވުމާއެކު "އެސްއެލްޕީޕީ"ގެ އެހީތެރިކަމުގައި ސްރީލަންކާގެ ރައީސްކަމަށް ޕާލަމެންޓްގެ ތެރެއިން އިންތިޚާބުވެގެން ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވީ ރަނިލް ވިކްރަމަސިންހަ އެވެ.

ރަނިލްއަކީ އޭގެކުރިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ސިޔާސީ ޝަޚްސިއްޔަތެކެވެ. ނަމަވެސް ރަނިލްގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަކީ ސްރީލަންކާގައި ސިޔާސީ ގޮތުން މިހާރު ވަރަށް ބޮޑަށް ބަލިކަށި ޕާޓީއެކެވެ.

ދެހާސް ވިހި ވަނަ އަހަރު ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ރަނިލްގެ "ޔޫއެންޕީ"އަށް ލިބުނީ އެންމެ ގޮނޑިއެކެވެ. ޚުދު 1980 ގެ އަހަރުތަކުން ފެށިގެން ރަނިލް ދިފާއު ކުރައްވަމުން ގެންދެވި ގޮނޑިވެސް 2020 ގައި ބޭއްވި އިންތިޚާބުގައިވަނީ ގެއްލިފައެވެ.

މިއާއެކު ކުރިން ބާރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތް ރަނިލްގެ "ޔޫއެންޕީ" ސޮއްސާލީ ޕާލަމެންޓްގެ އެންމެ ފުލަށެވެ. "މުސްލިމް ނެޝަނަލް އެލަޔަންސް" އާއި "ތަމިލް މައްކަލް ވިދުތަލައި ޕުލިކަލް" ޕާޓީފަދަ އެންމެ ބަލިކަށި އަދި އެންމެ ކުދި ޕާޓީތަކުގެ ފެންވަރަށެވެ.

މިވަރުގެ ބޮޑު ނާކާމިޔާބަކާ ކުރިމަތިވިނަމަވެސް އޭގެ ދެއަހަރުފަހުން 2022 ވަނަ އަހަރު ރައީސް ގޮތަބަޔަ އިސްތިއުފާ ދެއްވުމުން ރަނިލްއަށްވަނީ ރިޔާސީ އިންތިޚާބަކާ ނުލައި ސްރީލަންކާގެ ރައީސްކަން ލިބިވަޑައިގެންފައެވެ. އެއީ ޕާލަމެންޓްގެ ތެރެއިންނެވެ. ރައީސްކަން ލިބިވަޑައިގަތީ ޕާލަމެންޓްގައި ބޮޑު އަޣްލަބިއްޔަތެއް އޮތް ރާޖަޕަކްސަގެ ޕާޓީކަމަށްވާ "ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ" (އެސްއެލްޕީޕީ)ގެ އެހީތެރިކަމާއެކުގައެވެ.

ގޮތަބަޔަ ގެ ވެރިކަމުގައި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ އިނދަޖެހުމުން ނުވަތަ މާލީ ގޮތުން ގައުމު އިފްލާސް ވުމުގެ ހާލަތުން ގައުމު ސަލާމަތް ކުރުމުގައި ރަނިލް ވަނީ ދެއަހަރު ތެރޭގައި ކާމިޔާބު ހޯއްދަވާފައެވެ.

ރަނިލް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ އަދި ކުރެއްވި ގިނަ މަސައްކަތްތަކުގެ ސަބަބުން ސްރީލަންކާގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑުތަން ރަނގަނޅުވެފައެވެ. އިގްތިސާދުވެސްވަނީ ކުރިއާ އަޅާބަލާއިރު ބޮޑުތަނުން ރަނގަނޅުވެފައެވެ. ނަމަވެސް އެއްކޮށް މުޅިން ރަނގަނޅު ވުމަށް އަދި ދެއަހަރެއްހާ ދުވަސް ނެގުން އެކަށީގެންވެއެވެ.

އިނދަޖެހިގެން ދިޔަ ސްރީލަންކާގެ އިގްތިސާދު ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރަނިލް އުންމީދު ކޮށްގެން ހުންނެވީ "އެސްއެލްޕީޕީ"ގެ ތާއީދު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާއަށް ލިބޭނެ ކަމުގައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި "އެސްއެލްޕީޕީ" ގެ ރިޔާސީ ކެންޑިޑޭޓަކީ އޭނާކަމަށް ހަދައިދޭނެ ކަމުގައެވެ. ނަމަވެސް މި އުންމީދުތައް އިއްޔެވަނީ ބިލާހަކަށް ވެގެން ގޮސްފައެވެ.

"އެސްއެލްޕީޕީ"ގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނަވާ ބޭފުޅެއްގެ ގޮތުގައި އެޕާޓީން ކަނޑައެޅީ މަހިންދަ ރާޖަޕަކްސަގެ ފިރިހެން ދަރިފުޅު ނަމަލް ރާޖަޕަކްސައެވެ. ނަމަލްއަކީ އުމުރުން އެންމެ 38 އަހަރުގެ ބޭފުޅެކެވެ.

ސްރީލަންކާގެ ނޫސްތައް ބުނާގޮތުން މިމައްސަލާގައި ރަނިލް ވަނީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައެވެ. މިއާއެކު ރަނިލް ގެންދަވަނީ "އެސްއެލްޕީޕީ" އާ އދިކޮޅު ޕާޓީތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. އިދިކޮޅު ބައެއް ބޮޑެތި ޕާޓީތަކާ އަދި ކުދި ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދައި އެކޯލިޝަންގެ ފަރާތުން ރިޔާސީ ރޭހަށް ނެރޭ ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވަމުންނެވެ. މިއާއެކު ރަނިލް ވަނީ "އެސްއެލްޕީޕީ" އާ ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެންމެ ކުރިންވެސް "އެސްއެލްޕީޕީ" ގެ އިސްވެރިން ކަމަށްވާ ރާޖަޕަކްސަ ގެ އާއިލާގެ ބޭފުޅުންގެ ވިސްނުން ހުރީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީގެ ފަރާތުން ނަމަލް ނެރުމަށެވެ. އަނެއްކޮޅުން ރަނިލް ގެ ވެރިކަމުގައިވެސް ޕާޓީގެ ފުރަގަހުގައި ތިއްބަވައިގެން ރާޖަޕަކްސަގެ އާއިލާއިން (މަހިންދަ އާއި ގޮތަބަޔަ) ގެންދެވީ ރަނިލްގެ ސަރުކާރަށާ އަދި ސްރީލަންކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވަމުންނެވެ.

ރަނިލްގެ ސަރުކާރަށް ބާރާއި ނުފޫޒު ފޯރުވޭގޮތްވީ ސިޔާސީ ގޮތުން ރަނިލް ބަލިކަށި ވުމުންނެވެ. އަދި ރަނިލްގެ ވެރިކަން ދަމަހައްޓާ ޕާޓީއަކީ "އެސްއެލްޕީޕީ" ކަމަށްވާތީއެވެ.